ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ދަންވަރުގެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ އެއްގޮތަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން ދަންވަރުގެ ވަގުތުތަކުގައި ޤަވާއިދާ ޚިލާފު ބައެއް ކަންކަން ކުރަމުންދާކަމުގެ ކަންބޮޑުވުންތައް ފެންމަތިވަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގަނޑު 12 އިން ހެނދުނު 6 ޖެހުމާއި ހަމައަށް އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމީހުންނާ ސުވާލުކުރުމުގެ މަސައްކަތް ކުރުމަށް ފުލުހުންނަށް އަންގަވާފައެވެ. މި އެންގެވުމާ އެއްގޮތަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަންކަން ހުއްޓުވުމަށް ފުލުހުން މިހާރު ވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި، ބިދޭސީން ޗެކްކުރުމަށް ކުރިއަށްގެންދިޔަ މި މަސައްކަތުގެ ތެރެއިން ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އެކަކު އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން މެންދަމުގެ ވަގުތުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި، މަޢުލޫމާތު ސާފުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މެންދަމުގެ ވަގުތުގައި އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި ގަވާއިދާ ޚިލާފަަށް ދިރިއުޅޭ ބިދޭސީންނާމެދު ގާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި، އެފަދަ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުންގެ ޚިދުމަތުން އިތުރަށް ހާމަކުރެއްވިއެވެ.