މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ނޯތު ހާބަރު ސަރަހައްދުގެ ފުޅާކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ނޯތު ހާބަރު ސަރަހައްދުގެ ފުޅާކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން، ނޯތު ހާބަރު ސަރަހައްދު ފުޅާކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މިއީ މާލޭގެ އުތުރުފަރާތުގެ ބަނދަރު ސަރަހައްދު އިތުރަށް ތަރައްޤީކޮށް، މަގު ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްޕީއެލްއިން ވިދާޅުވީ، ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން، ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުމަށްޓަކައި، ލޯކަލް މާރުކެޓްގެ ހުޅަނގަށް ވާގޮތަށް 100 މީޓަރުގެ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ 0:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފައެވެ.

މި ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް މަސައްކަތް ކުރިއަށްދާ މުއްދަތުގައި ދަތިތަކާ ކުރިމަތިނުވާނެ ގޮތަކަށް، ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށްޓަކައި، ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ. އެ ކުންފުނިން ބުނީ މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް މިހާރުވެސް ހަމަޖައްސަމުންދާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ. އަދި މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައިވެސް، އޮޑި ދޯނި ފަހަރަށް ދަތިނުވާނެ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޔަޤީންކަން އެ ކުންފުނިން ދެއްވައެވެ.

ޒަމާނީ ފެންވަރަށް މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ފެށުމާއެކު، މި މަޝްރޫޢު އިތުރު ހަލުވިކަމެއްގައި ކުރިއަށްދާނެކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން