ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކާ ވިޔަފާރިކުރި މައްސަލައެއްގައި، މއ. ހަނީސަކްލް-1، ހުސައިން ޝިފާއުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ، އޭނާ 109 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ މަކަރާއި ހީލަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓަކުން މިހާތަނަށް ކޮށްފައިވާ އެންމެ ދިގު އެއް ހުކުމެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން ޖުމްލަ 23 ދައުވާއެއް އުފުލިއެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ނުވަ ދަޢުވާ އާއި، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، މަކަރާއި ޙީލަތް ހެދުމުގެ ހަތް ދަޢުވާ އެވެ. އަދި މީގެ އިތުރުން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ހަތް ދަޢުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެލުމަށް ފަހު، ކޯޓުން ނިންމީ ހުސައިން ޝިފާއުގެ މައްޗަށް އުފުލި 23 ދަޢުވާ ވެސް މެދުނުކެނޑި ސާބިތުވާ ކަމަށެވެ. ކޯޓުން ވަނީ މި ދައުވާތަކުގެ އަދަބުތައް އެއްކޮށް ޖުމްލަ ކުރުމަށްފަހު، ޝިފާއު 109 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ. މި ހުކުމަކީ މަކަރާއި ހީލަތުގެ ޒަރީޢާއިން ބޭރުގެ ފަރާތްތަކަށް ގެއްލުންދީފައިވާ މައްސަލައެއްގައި ކަނޑައެޅުނު ހަރުކަށި އަދަބެކެވެ.

މި މައްސަލައަކީ ބޭރުގެ ކުންފުނިތަކަށް ފައިސާ ފޮނުވާފައިވާ ކަމަށް ދައްކުވައި، ވަގު ޓީޓީ ލިޔުންތައް ބޭނުންކޮށްގެން ވިޔަފާރީގެ މުޢާމަލާތްތައް ހިންގާފައިވާ މައްސަލައެކެވެ. މި ހުކުމާ ގުޅިގެން، މަކަރާއި ހީލަތުގެ ކުށްތަކަށް ދެވޭ އަދަބުތައް ހަރުކަށިކޮށްފައިވާ މިންވަރުން، މިފަދަ ކުށްތައް ހުއްޓުވުމަށް ދައުލަތުން ދެމުންދާ ސަމާލުކަން ހާމަވެގެންދެއެވެ.

މިއަދު އޮންލައިން