ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ގާއިމުކޮށް، ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. މިކަމުގެ ސަބަބުން ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބި، ބޭންކިންގ ޚިދުމަތްތަކަށް ވާސިލުވެވޭނެއެވެ.

ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފޭސް 2 ގައި ގާއިމުކުރި ދެ ސެންޓަރުގެ ތެރެއިން އެއް ސެންޓަރު ހުންނާނީ ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައެވެ. މިއީ ރުފިޔާ އޭޓީއެމް ސެންޓަރެކެވެ. އަނެއް ސެންޓަރު ގާއިމުކޮށްފައިވަނީ ހިޔާ ގައި (ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި) ރުފިޔާ އަދި ޑޮލަރުގެ މުއާމަލާތް ކުރެވޭ ގޮތަށެވެ.

މި ޚިދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު އާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް. ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން."

މި އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދުވާލަކު 24 ގަޑިއިރު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން