އަމާން އުދަރެސް ޓަވަރުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި ކްލިނިކް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެހުގެ 6 ވަނަ ޓަވަރުގައެވެ. ކްލިނިކް ގާއިމްކުރުމަށްޓަކައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓެއް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، އަމާން އުދަރެހުގެ 6 ވަނަ ޓަވަރުން 6788.43 އަކަފޫޓުގެ ބޮޑު ޖާގައިގެ ޔުނިޓެއް ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ދޫކޮށްފައެވެ.
ޖީޕީ ކްލިނިކްގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މަސައްކަތް ހިނގާނުހިނގާގޮތް ބައްލަވާލެއްވުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގް ހަލީމާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ އެ ސައިޓަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުން ދައްކުވައިދެނީ މި މުހިންމު ސިއްހީ ޚިދުމަތް އަވަހަށް ފެށުމަށް ދެ ފަރާތުންވެސް ދެމުންގެންދާ އިސްކަމާއި އެއްބާރުލުމެވެ.