ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ގުރުއަތުލުމަކީ ގޯތި ލިބިފައިވާ ފަރާތްތަކަށް އެމީހުންގެ ގޯތިތައް ކަނޑައެޅުމަށް ބާއްވާ ހަރަކާތެކެވެ.

ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައެވެ. ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ގުރުއަތުލުން ކުރިއަށްދާއިރު، ގުރުއަތުލުން ކުރިއަށްދާ ހޯލަށް ވަދެވޭނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި ގުރުއަތުލުމަށް ދާ މީހާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ގުރުއަތުލުމުގެ ހަރަކާތް ޕީއެސްއެމްއިން ވަގުތުން ދުރަށް ދައްކާނެ ކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށް ވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިއަދު އޮންލައިން