ތަނަވަސް މައިންބަފައިން ނުރުހުނީމަ އެމީހުންނާ ވަކިވެ ފަޤީރަކާ ކައިވެނި ކުރުމުން އަމިއްލަ ޙަޔާތުގެ އިތުރަށް ޢާއިލާގެވެސް ރަންވަނަ ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ތަނަވަސް މައިންބަފައިން ނުރުހުނީމަ އެމީހުންނާ ވަކިވެ ފަޤީރަކާ ކައިވެނި ކުރުމުން އަމިއްލަ ޙަޔާތުގެ އިތުރަށް ޢާއިލާގެވެސް ރަންވަނަ ލިބުނު އަންހެނެއްގެ ވާހަކަ-

ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އުފާވެރިކަން ލިބުމުގެ ތަޅުދަނޑިއަކީ ތަނަވަސްކަން ލިބުން ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ހިނގަމުންދާ ކަންކަމަށް ވިސްނުމުން މިއީ އަދި އެންމެ ރަނގަޅު ވިސްނުން ކަމަށް ބުނެވޭކަށް ނެތެވެ. ޚާއްޞަކޮށް ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ލިބުން ގުޅިފައިވަނީ ތަނަވަސްކަމަކާއިއެއް ނޫނެވެ. މިގެނެސްދެނީ އެކަން ޔަޤީންކޮށްލެއްވޭނެ ޢިބްރަތްތެރި ވާހަކައެކެވެ. އިން ޝާ ﷲ

އަޅުގަނޑަކީވެސް މާލޭގެ ތަނަވަސް ޢާއިލާއެއްގެ އަންހެންދަރިއަކީމެވެ. އަޅުގަނޑު އަބަދުވެސް ވިސްނަމުން އައީ މައިންބަފައިންނަށް ބަރޯސާނުވެ އަމިއްލަ ދިރިއުޅުމެއް އުޅުމަށެވެ. އެހެންވެ ކިޔަވައި ނިމިނުތަނުން ޢާއިލީ ކުންފުންޏެއްގައި ވަޒީފާ އަދާކޮށް ލިބޭ މުސާރައިން އަމިއްލައަށް ދިރިއުޅެން ފަށައިފީމެވެ.

އެހިސާބުން ކުރިމަތިވީ އެންމެ ބޮޑު މައްސަލައެވެ. ޢާއިލާއިން ބޭނުންވަނީ އަޅުގަނޑާއި ތަނަވަސް ޢާއިލާއެއްގެ މީހަކާއި ކައިވެނިކުރުވާށެވެ. ނަމަވެސް އެއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫނެވެ. ތަނަވަސް މީހަކާއި އިނދެގެން އޭނާގެ ބިޒީކަމުން އަޅުގަނޑަށް ވަގުތު ނުލިބި އެކަނިވެފައި ގޭގައި އިންނާކަށް ބޭނުމެއް ނޫނެވެ. އަދި އެއީ އަޅުގަނޑު އެންމެ ކުރަން ބޭނުން ނޫން ކަންތަކެވެ. އެހެންވެ މައިންބަފައިން ދެއްކި އެންމެންނާއިވެސް ކައިވެނިކުރަން ދެކޮޅު ހެދީމެވެ.  

މާބޮޑަށް ޕްރެޝަރު ބޮޑުކުރަން ފެށުމުން ރައްޓެހިންގެ ތެރޭގައި ހިމެނޭ ވަރަށް ފަޤީރު ކުއްޖަކު ކައިރީގައި އަމިއްލައަށް އެދިގެން އޭނާ އާއި ކައިވެނިކުރީމެވެ. އެހިސާބުން ގެއިންވެސް އަޅުގަނޑު ބޭރުކޮށްލިއެވެ. ނަމަވެސް އެކަން މާބޮޑު މައްސަލައެއްކަމަކަށްވެސް ނުދެކެމެވެ. އެއީ އެކަމަށް ހުރީ ކުރިންސުރެ ތައްޔާރުވެގެންކަމަށްވާތީއެވެ.  

އެއްކޮޓަރީގެ ވަރަށް އާދައިގެ ފެންވަރުގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށީމެވެ. އަޅުގަނޑު ބޭނުންވާ ގޮތަށް ފިރިމީހާ ހުރިހާ ކަމެއް ކޮށްދެއެވެ. އޮފީހަށް ގޮސް ހަދަނީ ޑްރައިވަރަކާއެކުއެއް ނޫނެވެ. ފިރިމީހާގެ ސައިކަލުގައެވެ. ނިމޭއިރު ބަލާއައިސް އިނދެއެވެ. އޭނާ ދާންޖެހޭ މީޓިންގތަކެއް ނޯވެއެވެ. މަސައްކަތް ނިމުމުން ގޭގައި އުޅެއެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކުރެވެއެވެ.  

ކައިވެންޏަށް 2 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅަށް 3 މަހަށް އެޅުނުތަނާ އެއްދުވަހަކު ރަނގަބީލުޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ތިބީ މަންމަ އާއި ބައްޕައެވެ. ކާފަ މާމަ ދަރިފުޅު ދެކެލަން އައިހެވެ. ވަގުތުން މަރުޙަބާ ކީމެވެ. ގޭތެރެއަށް ވައްދައި ދަރިފުޅު ދިނީމެވެ.  

މަންމަ އާއި ބައްޕަ ބުނީ ލިބުނު ފުރަތަމަ ކާފަ މާމަ ދަރިފުޅާއި ވަކިން އުޅެން ވަރަށް އުނދަގޫކަމަށެވެ. މާޒީ ހަނދާން ނައްތައިލުމަށެވެ. އެމީހުންނަށް ކަންކަން ކުރެވުނީ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރާކަމަށެވެ. އަދި ގެއަށް އަހަރެމެން ގެންދަން ބޭނުން ކަމަށާއި އަޅުގަނޑު ދިރިއުޅޭ ގޮތަށް ފާޑު ނުކިޔާނެކަމަށެވެ.  

މައިންބަފައިންގެ ބަސް ޤަބޫލުކުރީމެވެ. ގެއަށް ބަދަލުވީމެވެ. ގޭގައި އަޅުގަނޑުމެން އުޅެން ފެށުމުން އަޅުގަނޑުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް މައިންބަފައިންނަށް ޤަބޫލުކުރެވުނެވެ. އެއީ މައިންބަފައިން މުއްސަނދިންނާއި ކައިވެނިކުރުވި ދެދަރިންގެ ބައިވެރިންނަށް ގޭގައި މަޑުކުރާނެ ވަގުތެއް އޮންނަ ކަމަކަށް ނުވެއެވެ. އަބަދުވެސް އޮންނަނީ ކޮންމެވެސް ތަނަކަށް ދާންޖެހިފައެވެ. ދާނެ އެހެންތަނެއް ނެތިއްޔާ ކޮފީގައެވެ. އަޅުގަނޑުގެ ފިރިމީހާ މަސައްކަތުން ނިމުމުން އުޅެނީ ގޭގައެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ފިރިމީހާއަކީ މަންމަ އާއި ބައްޕައަށްވެސް އެންމެ ކަމުދާ ދަރިފުޅު ކަމަށްވެއްޖެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ބައިވެރިޔާގެ އެކައުންޓުގައި ފައިސާ ގިނަވުމަކީ ދިރިއުޅުމުގައި އުފާވެރިކަން ލިބޭނެ ކަމެއް ނޫނެވެ. އަދި ޚަރަދުކުރާނެ ގިނަ ފައިސާ އަތަށް ދީފައި ބެހެއްޓުމަކީވެސް އުފާވެރިކަން ލިބޭނެ ކަމެއް ނޫނެވެ. ދިރިއުޅުމުގައި އުފާވެރިކަން ލިބޭނީ ދެމަފިރިން އެކުގައި ވަގުތު ހޭދަކުރެވުނުވަރަކުންނެވެ.  

މިއީ އަޅުގަނޑުގެ ވިސްނުމެވެ. ތިއަބޭފުޅުންގެ ވިސްނުން ތިއަ ބޭފުޅުންނަށެވެ. މިކިޔައިދިނީ އަޅުގަނޑުގެ ވާހަކައެވެ.

 

- ނިޢްމާ ޝަރީފް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ:

މިއަދު އޮންލައިން