ބައެއް ބެލެނިވެރިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަރިންނަށް ވީހައި އަގުބޮޑު ތަކެތި ހޯދައިދިނުމަށެވެ. އައިޕޭޑް. ލެޕްޓޮޕް، ގޭމްތައް ފަދަ އެންމެ އަގުބޮޑުތަކެތި ހޯދައި ދިނުމަށެވެ. ހަމައެއާއިއެކު އަގުބޮޑު ފޭރާމުގެ އެންމެ ޒަމާނީ ހެދުމާއި ބޫޓާއި ފައިވާން ފަދަ ތަކެތިވެސް ހޯދައިދިނުމަށެވެ.
ސުވާލަކީ އެވަރުން ފުދޭހެއްޔެވެ؟ އެންމެ އަގުހުރި އުފާވެރިކަން ލިބިގަނެވޭހެއްޔެވެ؟ ދަރިފުޅަށް ކޮށްދިނުން އެންމެ މުހިންމު ކަންކަމަކީ އެއީހެއްޔެވެ؟ ދަރިން ލައްވައި ނަމާދުކުރުވުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ. ބައެއް ޢިލްމުވެރިން ދެކެލައްވާގޮތުގައި އެއީ މޮޅަށް ކާންބޯން ދިނުމަށްވުރެވެސް ބޮޑު ވާޖިބެކެވެ. ސަބަބަކީ ޤިޔާމަތް ދުވަހު ބެލެނިވެރިން ޖަވާބުދާރީވާންޖެހޭނެތީއެވެ.
އަވަދިނެތި ތިކުރާ މަސައްކަތުން ދުނިޔޭގައި ތަނަވަސްކަން ލިބިދާނެއެވެ. މަޝްހޫރުވެސްވެވިދާނެއެވެ. ނަމަވެސް އުޑުތަކުގައި މަޝްހޫރުވެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެހެންކަމުން ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
އެއީ ރަށުގައި މާތަނަވަސް ދެމަފިރިންނެއްވެސް ނޫނެވެ. މާމޮޅަށް ކިޔަވައިގެން ތިބި ދެމަފިރިންނެއްވެސް ނޫނެވެ. އަދި މާމަޝްހޫރު ދެމަފިރިންނެއްވެސް ނޫނެވެ. ނަމަވެސް އެދެމަފިރިން މިހާރުވެސް ވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގައި ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައެވެ.
އަނބިމީހާއަކީ ދަރިން ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމުގައި ނަމޫނާ އަންހެނެކަވެ. ބައްޕައަކީ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކިރިޔާވެސް ވަގުތެއްވާނަމަ ދަރިން ގޮވައިގެން މިސްކިތުގެ ޖަމާއަތަށް ނަމާދަށްދާ މީހެކެވެ. މަންމަގެ މަސްއޫލިއްޔަތަކަށް ހަދާފައި އޮންނަނީ ދަރިފުޅު ޤުރްއާން ކްލާސްތަކަށް ގެންދިއުމާއި ދަރިފުޅަށް ފިލާވަޅުތައް ދަސްކޮށްދިނުމެވެ.
މިކަމުގެ ނަތީޖާއިން އެންމެންނަށް ފެންނާނެ ކުޑަކުޑަކަމެއް ފާހަގަކޮށްލާނަމެވެ.
ރަށުގެ މިސްކިތުގައި ބައެއް ފަހަރު ބަންގިގޮވަނީ 14 ވަރަކަށް އަހަރުގެ ދަރިފުޅެވެ. އެކުއްޖާގެ އަޑުމަޚްރަޖް ރީތިކަމުން ބަންގިގޮވަން ފުރުޞަތުދެނީއެވެ. އެހެންވެ މައުމޫމްވެ ނަމާދުކުރުމުގެ ފުރުޞަތު އެކުއްޖާއަށް ދެއެވެ. އެއިރު ކުއްޖާ އާއި ޖެހިގެން ނަމާދަށް ހުންނަނީ ކުއްޖާގެ ބައްޕައެވެ.
ހުޅުވާލެވިފައިވާ ހިތަކުން މިމަންޒަރަށް ނިކަން ވިސްނައިލަބަލާށެވެ! އުފާވެރިކަމުން ހިތްފަޅައިގެން ނުދާނީ ކާކުގެތޯއެވެ؟ އުފާވެރިކަމުން ލޮލުން ކަރުނަ ނުއަޅައި ހުރެވޭނީވެސް ކާކަށްތޯއެވެ؟
މިވާހަކަ ރަށުގެ އެންމެންވެސް ފަޚުރުވެރިލާފައި ދައްކައެވެ. އެދެމަފިރިންނަށް ތައްރީފްވެސް ކުރެއެވެ. އެދެމަފިރިންނަށާއި ދެމަފިރިންގެ ކުދިންނަށްޓަކައި ހެޔޮދުޢާވެސް ކުރެއެވެ. އަދި ބައެއް މީހުން އުފަލުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.
ނަމަވެސް ރަށުގެ އެންމެންނާއިވެސް އަހަރެން ކޮށްލަން ބޭނުންވާ ސުވާލެއްވެސް އެބައޮތެވެ. އެއީ ތިއަބައިމީހުން ތިއަބައިމީހުންގެ ދަރިން އެގޮތަށް ތަރުބިއްޔަތުކުރަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ދަރިންނަށް ދީން އުނގަންނައިދީ ނަމާދުކުރަން އާދަކުރުވަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެން އންމެންގެ މައްޗަށްވެސް އެއީ އޮތް އެންމެ މަތިވެރިވާޖިބުކަން ޤަބޫލުނުކުރަނީ ކީއްވެތޯއެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް