ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަގްބޫލު ތަރިންގެ ތެރޭގައި ހިމެނޭ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ. މެސީ ރާއްޖެ އައިސްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ މި ދަތުރަކީ ފުޓްބޯޅައިގެ ބުރަ މަސައްކަތުން ވަގުތީ ބްރޭކެއް ނަގައި، އަރާމުކޮށްލުމަށްޓަކައި ރާއްޖެއަށް ކުރި ދަތުރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މެސީ ޗުއްޓީ ހޭދަކުރެއްވީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އަދި މަޝްހޫރު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވަލްޑޯލްފް އެސްޓޯރިއާ އިތާފުށީގައެވެ. މެސީ ރާއްޖެއަށް މި ދަތުރުކުރެއްވީ އޭނާ އިންޑިއާއަށް ކުރި ދަތުރަކަށްފަހު ކަމަށް ވެއެވެ. ދުނިޔޭގެ މިފަދަ ބޮޑެތި މަޝްހޫރު ތަރިން ރާއްޖެއަށް ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބޭ ވަރަށް ބޮޑު އިޝްތިހާރެކެވެ.
މެސީގެ މި ޗުއްޓީގައި އޭނާއަށް ވަރަށް ޚާއްސަ އެކުވެރިއެއް ބައިވެރިވިއެވެ. އެއީ އޭނާގެ ޒަމާންވީ ގާތް އެކުވެރިޔާ އަދި އުރުގުއާއީގެ ފުޓްބޯޅަ ތަރި ލުއިސް ސުއަރޭޒްއެވެ. މި ދެ ތަރިންނަކީ ސްޕެއިންގެ ބާސެލޯނާއިން ފެށިގެން މިހާރު އެމެރިކާގެ އިންޓަމަޔާމީއާ ހަމައަށް ވެސް އެއް ޓީމެއްގައި ކުޅެމުން އަންނަ ފުޓްބޯޅައިގެ ދެ ގަދީމީ އެކުވެރިންނެވެ.