އާ އަހަރާ ގުޅިގެން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ "ނިއު އިޔަރ ފެސްޓިވަލް"އަށް ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ދީފައިވަނީ އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ހުށަހަޅާ މީހުންނަށް އިސްކަންދޭ އުސޫލުންނެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި ފެސްޓިވަލް ކުރިއަށް ގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައެވެ. ފެސްޓިވަލަށް ޖުމްލަ 80 ސްޓޯލް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޓޯލްތައް ކުއްޔަށް ދޫކުރަނީ ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 6 ދުވަހަށެވެ. އެގޮތުން ޖުމްލަ 3000 ރުފިޔާ ދައްކަން ޖެހެއެވެ.
ސްޓޯލްތައް ހިންގުމަށް ހަމަޖެހިފައިވާ ވަގުތުތައް ވަނީ އާންމުކޮށްފައެވެ. 27 ޑިސެމްބަރުން 29 ޑިސެމްބަރަށް ހަވީރު 4:00 އިން ރޭ 12:30 އަށެވެ. އަދި 30 ޑިސެމްބަރުން 31 ޑިސެމްބަރަށް ހަވީރު 4:00 އިން ފަތިހު 1:00 އަށެވެ. އާ އަހަރުގެ ދުވަސްކަމަށްވާ 1 ޖަނަވަރީ 2026 ގައި ސްޓޯލްތައް ހިންގޭނީ ހަވީރު 4:00 އިން ރޭ 12:30 އަށެވެ.
ސްޓޯލް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާއިރު، އައިޑީ ކާޑު ކޮޕީއާއި، ވިޔަފާރިއެއްކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅޭނީ އޮންލައިން ލިންކު https://forms.office.com/r/0sTJJRPPmJ މެދުވެރިކޮށެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 22ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 23 ޑިސެމްބަރުވާ ހޯމަ ދުވަހުގެ 12:00 ގަޑިއަށް ވަނީ ކަނޑައަޅާފައެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ދޫކުރެވޭނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.