ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫޢެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫޢެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާންކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫޢެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. 

މި މަޝްރޫޢަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގެދޮރުވެރިކަމުގެ ޚިދުމަތްތަކާއި ވިޔަފާރީގެ ބޭނުންތަކަށް ޚާއްޞަ އިމާރާތްތައް އެޅުމަށް އެޗްޑީސީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މީގެ ކުރިންވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ބިން ދޫކޮށް އެކި ކަހަލަ ވިޔަފާރި ކުރުމަށް ޚާއްޞަ އިމާރާތް އެޅުމަށް ހުޅުވާލާފައެވެ.

އެޗްޑީސީއިން ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫޢު ހަވާލުކުރުމުގައި އިސްކަންދޭނީ، ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލް އަށް ކަމަށެވެ. ނަމަވެސް، ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށްވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، އެހެން މޮޑެލްތަކަށް ހުށަހަޅާއިރު، ދެ ފަރާތަށްވާނެ ފައިދާތައް ތަފްސީލުކޮށް ހިމަނަންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުޅުމާލެ ފޭސް ދޭއްގެ 125،387 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. މި ބިން މި މަޝްރޫޢަށް ޚާއްޞަކުރެވިފައިވާއިރު، އެޗްޑީސީން ވިދާޅުވީ މި މަޝްރޫޢަށް އެކަކަށްވުރެ ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، މަޝްރޫޢު ހަވާލުކުރާނީ އެ ކުންފުނީގެ ވިޝަންއާއި މާސްޓަރޕްލޭންއާ އެންމެ ފުރިހަމައަށް ގުޅޭ އީއޯއައިއަކަށް ކަމަށެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން