7000 އަށްވުރެ މީހުން ބައިވެރިވި އުރީދޫ ފަންރަން ކާމިޔާބުކަމާއެކު ނިންމާލިއިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
7000 އަށްވުރެ މީހުން ބައިވެރިވި އުރީދޫ ފަންރަން ކާމިޔާބުކަމާއެކު ނިންމާލިއިފި

7000 އަށްވުރެ ގިނަ ބަޔަކު ބައިވެރިވި އުރީދޫ ފަންރަން، ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށިގެން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދުޅަހެޔޮ ޞިއްޙަތެއް ޕްރޮމޯޓް ކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ދުވުމަކީ މިއަހަރު މާލެ ސަރަހައްދުގައި ބޭއްވި އެންމެ ތަރުހީބު ބޮޑު ދުވުމެވެ.

ފަސް ކިލޯ މީޓަރުގެ މި ފޯރިގަދަ ދުވުމުގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައެވެ. ދުވުމުގެ މަގުމަތީގައި ކޮންމެ ކިލޯ މީޓަރެއް ނިންމުމަށްފަހު، ބައިވެރިންނަށް މަޖާ ހަރަކާތްތަކާއި، ފޯމް ޕާޓީއާއި، ކުލަޖެހުމާއި ފެން ޖެހުން ފަދަ އެކި ކަހަލަ މަޖާ ހަރަކާތްތައް ވަނީ ފެނިގެން ގޮސްފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ދުވުމަށް އިތުރު ފޯރިއެއް ލިބިގެންދިޔައެވެ.

މި ދުވުމުގެ މުހިންމުކަން އިތުރުކޮށްދިނުމަށް ދައުލަތުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބައެއް އިސްވެރިންވެސް މި އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫ ފަން ރަން ނިންމާލުމުގެ ގޮތުން، ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއްވެސް ވަނީ ނަގާފައެވެ. އަދި ފަން ރަން މިއުޒިކް ޝޯއެއް ސެންޓްރަލް ޕާކުގައި ވަނީ ފޯރިގަދަކޮށް ކުރިއަށް ގެންގޮސްފައެވެ.

އުރީދޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ފަން ރަންގެ މަޤުޞަދަކީ ދިވެހި ރައްޔިތުންގެ މެދުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، އާއިލީ ގުޅުން ބަދަހިކުރުމެވެ.

މިއަދު އޮންލައިން