އެފްޑީސީގެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެފްޑީސީގެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ މަހު ކުއްޔާއި އެޑްވާންސް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، މިހާތަނަށް ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ މަހު ކުލީން އުނިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވުމުގެ ގޮތުން ރައީސް މި ނިންމެވުން ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މެއިންޓަނަސް ފީ އާއެކު ތިން ކޮޓަރީގެ ފްލެޓްތަކަށް ދެން ދައްކަން ޖެހެނީ މަހަކު 10,000 ރުފިޔާ އެވެ. މީގެ ކުރިން ތިން ކޮޓަރީގެ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 10,500 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާގެ ބަދަލުގައި 8,500 ރުފިޔާއަށް ވަނީ ކުޑަކުރައްވަން ނިންމަވާފަ އެވެ.

ދެ ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ (6,000 ރުފިޔާ) އެވެ. މީގެ ކުރިން ދެ ކޮޓަރީގެ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 7,000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 6,000 ރުފިޔާ އެވެ.

މި ބަދަލުތަކާއެކު، މިހާރު އެފްޑީސީގެ ފްލެޓްތަކަށް ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކުން އިތުރަށް ދައްކާފައިވާ ފައިސާ، އެ ފަރާތްތަކުގެ މަހު ކުލީގެ އަދަދުން އުނިކޮށްދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. މިކަމުގެ ސަބަބުން މިހާރު ފްލެޓް ލިބިފައިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މިއަދު އޮންލައިން