އެއީ ތަނަވަސް އަންހެނެކެވެ. ފިރިމީހާގެ ހުރިހާ ޚަރަދަކާއި ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ އޭނާއެވެ. ފިރިމީހާއަށް ކުރަންޖެހޭ ހަމައެކަނި ކަމަކީ އޭނާ އާއިއެކު ލޯބިން ދިރިއުޅުމެވެ.
އެއްރޭ ބޭރުން އައުދެވުނުއިރު ފިރިމީހާ އޮތީ ގޭގައި ގެންގުޅޭ އަންހެނަކާއިއެކު އޭނާގެ އެނދުގައި ނިދައިފައެވެ. ފެނުނު ކަމަށްވެސް ނުހަދައި ސިޓިންރޫމަށްގޮސް ހަމަޖެހިލުމަށްފަހު ފިރިމީހާއަށް ފޯނުކުރިއެވެ. އެއްޗެއް ކައިލަން ތިރިއަށް އައުމަށް ދަޢުމަތުދިނެވެ.
ފިރިމީހާ ތިރިއަށް އައިތަނާހެން ނޯކަރުވެސް އައުމުން ގޮވާގެނެސް ގާތުގައި ބައިންދާފައި ބުންޏެވެ. "ތަންކޮޅެއް ލަސްވީ އެކުވެރިއަކަށް ދިމާވި ކަމެއްގެ ސަބަބުންނެވެ. އޭނާގެ ފިރިމީހާ ބޭވަފާތެރިވަނިކޮށް ފެނުނީއެވެ. މިބާވަތުގެ ކަމެއް ކޮށްފި ބައިވެރިއަކާއިމެދު ކަންތައް ކުރަންޖެހޭނެ ގޮތް ނިކަން ބުނެބަލާށެވެ."
ދެމީހުން ވަރަށް ބިރުގަތެވެ. ބިރުން ތުރުތުރު އަޅަމުންވެސް ބުނީ ބޭވަފާތެރިވާ މީހުންނާއިއެކުގައި ދިރިނުއުޅެވޭނެކަމަށާއި އޮންނާނީ ކައިވެނި ރޫޅައިލުން ކަމަށެވެ."
އަނބިމީހާ ސުވާލުކުރިއެވެ. "މާފުކޮށްގެން ކުރާނެ ފައިދާއެއް އޮންނާނެ ހެއްޔެވެ؟" ދެމީހުންގެވެސް ޖަވާބަކަށްވީ އިތުބާރު ގެއްލިއްޖެނަމަ އެކުގައި އުޅެން މަސައްކަތްކުރިޔަސް އެކަންވާނީ އަނިޔާއަކަށް ކަމަށެވެ. އެއީ ސިކުނޑިއަށް ޖެއްސުވޭ އިތުރު ބުރައެއް ކަމަށެވެ.
އަނބިމީހާ ބުންޏެވެ. "ކަލޭމެން ދެމީހުންނަށް ތިއަކުރެވުނު ކަންތައް އެންމެ ރަނގަޅަށް އެނގޭނީ ދެމީހުންނަށެވެ. ބޭނުންނަމަ ސީސީޓީވީއިން ބަލައިވެސް ލެވިދާނެއެވެ. އެކަމަކު އަހުރެން ޤަބްދުކުރަނީ އެހަޑިމުޑުދާރު ޢަމަލުތައް ނުބަލާށެވެ. ދެމީހުންނާއިމެދު ޢަމަލުކުރަންޖެހޭނެ ގޮތް ދެމީހުންވެސް ތިއަބުނީއެވެ. ދެން އެގޮތަށް ދެމީހުންވެސް ޢަމަލުކުރާށެވެ! އަހުރެން މިރޭ ނިދާނީ ގެސްތް ރޫމްގައެވެ. ހޭލާއިރު ދެމީހުންކުރެ މީހަކު މިގޭގައި ތިބެގެން ނުވާނެއެވެ.
އެހެން ބުނެފައި ސެކިޔުރިޓީ ގެނެސް އަމުރުކުރިއެވެ. "މިދެމީހުން ގެއިން ނުކުނަންއިރު އެމީހުންގެ އަންނައުނު ނޫން އިތުރު އެއްވެސް އެއްޗެއް ނުގެންދާކަން ވަރަށް ބޮޑަށް ޔަޤީންކުރާށެވެ! ބަލައިފާސްކުރަން ނުދައްކައިފިނަމަ އަހުރެން ހޭލައްވާށެވެ! އޮންނާނީ ގެސްތްރޫމްގައެވެ."
ދެމީހުން އާދޭސްކުރަންފެށިއެވެ. ފިރިމީހާ އައިސް ގައިގައި އަތްލަން މަސައްކަތްކުރިއެވެ. ނަމަވެސް ބުނީ ގައިގައި އިނގިލިކުރިވެސް ޖައްސާލައިގެން ނުވާނެކަމަށެވެ. އެހެން ބުނެފައި ގޮސް ނިދީއެވެ.
މިއީ އަހުރެން ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ބުނެލަން ބޭނުންވަނީ މިފަދަ ޙާދިސާތަކުން އަނބިންވެސް އަދި ފިރިންވެސް ޢިބްރަތް ޙާޞިލުކުރާށެވެ! ހްވާނަފުސްގެ އެދުންތަކަށް ހެއްލި ދިރިއުޅުން ބޮޑު މުޞީބާތަކަށް ވައްޓައިނުލާށެވެ! ހެޔޮލަފާ ބައިވެރިއަކު ލިބެނީ މަދު މީހަކަށެވެ. އަގުވަޒަންކުރާށެވެ! ނޫންނަމަ ޖެހޭނީ ޢުމުރަށް ކަރުނައަޅާށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް