ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުމުގެ ރަސްމިއްޔާތު މިއަދު ވަނީ ކަލާފާނު ސްކޫލް ހޯލުގައި ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުލުމަކީ މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ލިބޭ ފަރާތްތަކަށް ޕްލޮޓްތައް ކަނޑައެޅުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.
މި ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތި ހިމެނެނީ ޖުމްލަ ހަތް ސައިޒަކަށެވެ. އެގޮތުން، ޕްލޮޓްތަކުގެ ބޮޑުމިނާއި އަދަދު ތިރީގައި މިވަނީއެވެ:
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ޕްލޮޓްތައް އެލޮކޭޓްކޮށްފައިވާ ގޮތުގެ ތަފްޞީލު އެ ވުޒާރާއިން ވަނީ މިހާރު އާއްމުކޮށްފައެވެ. ޕްލޮޓް ލިބޭ ފަރާތްތަކަށް، ހިޔާވެހި ޕޯޓަލްއިން ވަގުތުން އެމީހުންގެ ޕްލޮޓް ނަންބަރު ފެންނާނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޕްލޮޓް ނަންބަރު އެސްއެމްއެސް މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ކުރީ ސަރުކާރުން ނިންމިއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އެ ސަރަޙައްދު ހިއްކާފައި ނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އެ ސަރަޙައްދު ހިއްކައި ގޯތި ދިނުމުގެ ހުރިހާ މަސައްކަތެއް މިހާރު ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. މި ގުރުއަތުލުމާއެކު، ގޯތި ލިބޭ ފަރާތްތަކަށް އެމީހުންގެ ޕްލޮޓްތައް ރަސްމީކޮށް ކަނޑައެޅިގެން ދިޔައީއެވެ.