ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއް މިލިއަން ގަސް އިންދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއް މިލިއަން ގަސް އިންދައިފި

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ގަސް އާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިޢުލާނުކުރެއްވި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމެވެ. ނަމަވެސް، ވަކިވަކި އޮފީސްތަކާއި އިދާރާތަކުގެ އެއްބާރުލުމާއެކު، ސަރުކާރުގެ އަމާޒަކީ މި އަދަދު 6.4 މިލިއަން ގަހަށް އިތުރުކުރުމެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާތަނަށް އެއް މިލިއަން ގަސް އިންދާފައިވާކަން ރަސްމީކޮށް އިޢުލާނުކުރީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. އެ ވުޒާރާއިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ފާހަގަކޮށްފައިވަނީ، އެއް މިލިއަން ގަސް އިންދުމަކީ ޕްރޮގްރާމްގެ ދަށުން ހާސިލުވި ބޮޑު ކާމިޔާބީއެއް ކަމަށާއި، މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ޚާއްޞަ ސަމާލުކަމެއްދެނީ ރާއްޖެއިން ނެތެމުންދާ ނުވަތަ މަދު ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް މިހާރު ވަނީ ހައިވަކަރު ގަސް ފޮނުވައިފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ގަސްގަހާގެހީގެ ނަސްލު ރައްކާތެރިކުރުމަށް ބާރުލިބިގެންދާނެއެވެ.

އިތުރު ގަސް އާލާކުރުމަށްޓަކައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު 55،000 އަކަފޫޓުގެ ސަރަޙައްދެއްގައި ބޮޑު ނާސަރީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނާސަރީގެ ސަބަބުން ޤައުމީ ފެންވަރުގައި ގަސް އާލާކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.

ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން މި އަހަރު ތެރޭގައި 8 އަތޮޅެއްގެ 55 ރަށެއްގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވެއެވެ.

މިއަދު އޮންލައިން