ބީއެމްއެލްއިން ތައާރަފްކުރި "ސްވައިޕް"ގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ބޭރުގެ ނެޓްވޯކްތަކާއި ގުޅާލެވިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ބީއެމްއެލްއިން ތައާރަފްކުރި "ސްވައިޕް"ގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ބޭރުގެ ނެޓްވޯކްތަކާއި ގުޅާލެވިގެންދާނެ: ރައީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ޑިޖިޓަލް ވޮލެޓް 'ސްވައިޕް'ގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ބޭރުގެ ނެޓްވޯކްތަކާއި ގުޅާލެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. މިގޮތުން ޑިޖިޓަލް މާލީ މުއާމަލާތްތައް ފަސޭހަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

ރައީސް ވިދާޅުވީ ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށާއި، އެގޮތުން ދުނިޔޭގެ މަޝްހޫރު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ "ވަރަށް ބޮޑަށް އަޅުގަނޑުމެން ލުކް ފޯވާޑްކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހަކީ އެއްކޮށް އެ ސެޓްއަޕް ނިމި ޕޭޕަލްގެ ޚިދުމަތައް ފުރުސަތު ލިބިގެންދާނެމަސް."

މީގެ އިތުރުން ރައީސް ވަނީ ޕޭޕަލްގެ ދިވެހި ވާޝަންގެ ގޮތުގައި ބެލެވޭ 'ސްވައިޕް' ގެ މަސައްކަތްވެސް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބީއެމްއެލްއިން މިމަހުގެ ތެރޭގައި ސްވައިޕްގެ ބީޓާއަށް ހުޅުވާލާނެކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭރުގެ ނެޓްވޯކްތަކާއި އިންޓަގްރޭޓްކުރެވޭނެކަމަށެވެ. މިގޮތުން، ސްވައިޕް ފެސިލިޓީގެ ތެރެއިން އިތުރު ޗާޖަކާއި ނުލައި ވަގުތުން ބޭރަށް ފައިސާ ގެނެވޭނެގޮތް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސްވައިޕްއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. މި ޚިދުމަތް ބީއެމްއެލްއިން ލޯންޗްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރ މަހުގެ ތެރޭގައެވެ. ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މިއަދު އޮންލައިން