ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ!

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ މި ސަރަހައްދުތަކުގެ ރައްޔިތުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވާ ވަގުތުތަކުގައި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން، ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މިފަދަ ހާލަތްތަކުގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ކަންކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މެދުރާއްޖެތެރޭގެ މޫސުން ގޯސްވުމާ ގުޅިގެން، މިއަދު ހެނދުނު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ހުދު ސަމާލެއް ނެރެފައެވެ. މި ހުދު ސަމާލު މިއަދު 11:00 އިން ފެށިގެން 16:00 އާ ހަމައަށް ދަމަހައްޓާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އާއްމުކޮށް އިރުވައި މޫސުން ފެށެނީ ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައެވެ. އެހެން އަހަރުތަކަށް ވުރެ އަވަހަށް އިރުވައި މޫސުން މިފަހަރު ފެށުނުއިރު، ފުރަތަމަ ނަކަތުގައިވެސް މޫސުން ވަނީ ގޯސްވެފައެވެ. މެދު އަތޮޅުތަކުން އިރުވައި މޫސުން ފެށުމަށް ފަހު، އާއްމުގޮތެއްގައި މުޅި ރާއްޖެއަށް ފެށެނީ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން