އަވަށްޓެރި ބީޗް ފެސްޓް"ގެ ނަމުގައި ޚާއްސަ ފެސްޓެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަވަށްޓެރި ބީޗް ފެސްޓް"ގެ ނަމުގައި ޚާއްސަ ފެސްޓެއް ފަށައިފި

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިލިމާލޭ ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ "އަވަށްޓެރި ބީޗް ފެސްޓް 2025" ރަސްމީކޮށް ފަށައިފިއެވެ. މިއީ މުޖުތަމަޢާއި ފުލުހުން ގުޅުވައިދިނުމަށް ހިންގާ ހަރަކާތެކެވެ.

މި ފެސްޓް ކުރިއަށްދަނީ މިއަދު ހެނދުނު ފެށިގެން ހަވީރު 15:00 އާ ހަމައަށް ވިލިމާލޭ ބީޗްގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ހުރިހާ އުމުރުގެ މީހުންނަށްވެސް މަޖާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ދުވަހެކެވެ. މި ފެސްޓުގައި ވަނީ ފެނުގެ ކުޅިވަރުތަކާއި، ގޭމްތަކާއި، މިއުޒިކާއި، ކުޑަކުދިން ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކެކެވެ.

މި ހަރަކާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ވެސް ވަނީ މި ފެސްޓަށް ޒިޔާރަތްކުރައްވާފައެވެ. ސީޕީ ނަވީންގެ ބައިވެރިވުމަކީ މުޖުތަމަޢުގެ ހަރަކާތްތަކަށް ފުލުހުން ދޭ އެއްބާރުލުން ދައްކުވައިދޭ ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

ވިލިމާލޭ ފުލުހުންގެ މި އިސްނެގުމުގެ މަޤްޞަދަކީ ރައްޔިތުންނަށް އާއިލާ އާއި ރައްޓެހިންނާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، މުޖުތަމަޢުގެ އެކުވެރިކަން ވަރުގަދަ ކުރުމެވެ. މި ފެސްޓުގައި ބައިވެރިވުމަށް ވިލިމާލޭގެ ރައްޔިތުންނަށް ފުލުހުން ވަނީ ދައުވަތު އަރުވާފައެވެ.

މިއަދު އޮންލައިން