އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަތުމަށް ފައިނޭސް ސްކީމެއް ތަޢާރަފް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަތުމަށް ފައިނޭސް ސްކީމެއް ތަޢާރަފް ކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ޚިދުމަތްދެމުން އަންނަ އެސްއެމްއީ ޑިޖިޓަލް އިން، ކަނޑު އުޅަނދު ގަތުމަށް ހާއްސަކޮށްގެން ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހާމަކޮށްފިއެވެ. މި ސްކީމަކީ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްއެމްއީ ޑިޖިޓަލްގެ ގަވަރމަންޓް ޕޯޓްފޯލިއޯ އިންޗާޖް އާމިނަތު މުހާ ވިދާޅުވީ، ކުންފުނިން ދެމުންދާ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑު އުޅަނދު ގަތުމަށް ފައިނޭސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ ކަނޑު އުޅަނދު ގަތުމަށް ނުވަތަ ބަނުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އާމިނަތު މުހާ އިތުރަށް ވިދާޅުވީ، މި ސްކީމް ލޯންޗު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އުޅަނދު ގަތުމުގެ އިތުރުން އުޅަނދަށް ބޭނުންވާ މެޝިނަރީސް، އިންޖީނު ނުވަތަ އެހެނިހެން ސާމާނު ގަތުމަށް ވެސް މި ސްކީމް ބޭނުން ކުރެވޭނެ ކަމަށެވެ. " އަޅުގަނޑުމެން މިހާރު ވަރަށް އަވަހަށް ލޯންޗު ކުރުމަށް މަސައްކަތް ކުރަމުން އެބަ ގެންދަން ވެސަލް ފައިނޭންސިން ސްކީމެއް. މިހާރު ލޯންޗު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން މިދަނީ. ކަސްޓަމަރު ވެސަލްއެއް ނުނީ ކަނޑު އުޅަނދެއް ގަންނަން ބޭނުންވިއްޔާ ނުވަތަ ބަންނަން ބޭނުންވިއްޔާ، އެއަށް ބޭނުންވާ ސާމާނު މެޝިނަރީސް ނުވަތަ އިންޖީނު ވިޔަސް ގަތުން މީގެ މައިގަނޑު މަޤްޞަދަކަށް މިއިންނަނީ " މުހާ ވިދާޅުވިއެވެ.

މި ސްކީމް ތަޢާރަފް ކުރުމާއެކު، ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އާ އުޅަނދު ހޯދުމަށް ނުވަތަ ބޭނުންވާ މަރާމާތްތައް ކުރުމަށް ފައިނޭންސިންގެ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެސްއެމްއީ ޑިޖިޓަލް އިން މި ސްކީމް ވަރަށް އަވަހަށް ރަސްމީކޮށް ތަޢާރަފް ކުރާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން