މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލެ ޖަލަށް 70 ޖާގަ އަދި ހިންމަފުށީ ޖަލަށް 70 ޖާގަ އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޒަރީރު ވިދާޅުވީ، މި ސަރުކާރުގެ މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްސީއެސްއިން ވަނީ ޖަލުތަކަށް ޖުމްލަ 124 ޖާގަ އިތުރުކޮށްފައި ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، "މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިވަނީ ޖަލުތަކަށް 124 ޖާގަ އިތުރުކުރެވިފައި. އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހުޅުމާލެ ޖަލަށް 70 ޖާގަ އަދި މާލެ އަތޮޅު ހިންމަފުށީގައި މި ހުންނަ ޖަލަށް 70 ޖާގަ އިތުރު ކުރުމަށް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުންދަނީ."
ޖަލުތަކުގެ ޖާގަ ބޮޑުވުމާއެކު ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ޒަރީރު ލަފާކުރައްވައެވެ. އޭނާ ވިދާޅުވީ، ޖާގަ އިތުރުވުމުން ދުވާލަކު 50 މީހުން ޙާޒިރު ކޮށްގެން ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. މިހާރުވެސް ދުވާލަކު 50 އާއި 70 އާ ދެމެދުގެ އަދަދަކަށް އޮންލައިންކޮށް ޝަރީޢަތްތައް ބާއްވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިތުރުކުރެވޭ ޖާގަތަކާއެކު، ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެގެންދާނެ ކަމަށް ބެލެވެއެވެ.