އެއީ ފަޤީރު އަވަށަކަށް ނިޞްބަތްވާ އަންހެނެކެވެ. ރީތި އަންހެނެކެވެ. ޢުމުރުން 15 އަހަރުގައި ބައްޕަ ނިޔާވުމުން ބުރަމަސައްކަތްކޮށްގެން ކިޔަވައިދީ ގެންގުޅެ ބޮޑުކުރީ މަންމައެވެ. ނަމަވެސް އޭނާގެ ހިތުގައި މަންމަގެ މައްޗަށް އެއްވެސް ވަރަކަށް ލޯތްބެއް ނުއޮވެއެވެ. ހަމައެކަނި އެންމެ ސަބަބަކާއިހުރެއެވެ. މަނަމްގެ ނިކަމެތިކަމާއި ފަޤީރުކަންބޮޑުކަމުންނެވެ. ތަނަވަސްކަން ބޭނުންވާލެއް ބޮޑުކަމުންނެވެ.
ޢުމުރުން 20 އަހަރުގައި މަންމައަށް ފިލައިގެން ސިޓީއަށް ގޮސް އުޅުމުގެ ތެރޭގައި ބައްދަލުވި ތަނަވަސް މީހަކު އޭނާދެކެ ލޯބިވިއެވެ. ކައިވެނިކުރަން ބޭނުންވިއެވެ. މައިންބަފައިންނާއިބެހޭ ގޮތުން ސުވާލުކުރީމާ ބުނީ މަރުވެފައިވާ ކަމަށެވެ.
ދަރިފުޅު ގެއްލުނީންސުރެ މަންމަގެ ކަމަކީ ދަރިފުޅަށް ރައްކައުތެރިކަން ދެއްވަވައި ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުން އެދިގެން ދުޢާކުރުމެވެ. ދުޢާކުރާތާ 3 އަހަރުފަހުން ހުވަފެނުގައި އޭނާއަށް ފެނުނު އެޑްރެހަކަށް ދިއުމުން ދަރިފުޅާއި ބައްދަލުވިއެވެ. ނަމަވެސް މަންމައަށް އެންގީ ތިއައީ މަންމަކަމަށް ނުހެދި ނޯކަރަކަށް ހެދިގެން ގޭގައި އުޅުމަށެވެ. ފިރިމީހާއަށް ތަޢާރަފްކޮށްދިނީވެސް ނޯކަރެއްގެ ގޮތުގައެވެ.
ފިރިމީހާއަށް މަންމަ ވަރަށް ކަމުދިއައެވެ. މަސައްކަތްކުރާ ގޮތް ވަރަށް ކަމުދިއައެވެ. ކައްކާ އެއްޗެތީގެ ރަހަވެސް ވަރަށް މީރުވިއެވެ. އެއީ ސިފަވެސް ކުރާ މަސައްކަތްވެސް ސާފުތާހިރުކަންވެސް އަދި ކައްކާ އެއްޗެތީގެ ރަހަވެސް އޭނާގެ މަންމައާއި އެއްގޮތްކަމުންނެވެ. އެހެންވެ އައީ މައިމިހާއަށް ފަދައިން ހެޔޮކޮށް ހިތަމުންނެވެ.
ދުވަސްކޮޅެއްވީތަނާ އަނބިމީހާއާއި އޭނާގެ މަންމައާއި ދެއްކި ވާހަކައެއްގެ އަޑު ފިރިމީހާއަށް އިވި މިއީ އަނބިމިހާގެ މަންމަކަން ޔަޤީންކުރެވުމުން އަނބިމީހާއަށް ބުންޏެވެ. "ބުނަން ހެއްޔެވެ؟ އެމީހަކަށްޓަކައި އެހައި ބޮޑު ޤުރްބާނީއެއްވީ މަންމައަށް ތިއަގޮތަށް ކަންތައްކުރަންކެރުނު މީހަކަށްވުރެ ނުބައި މީހެއް ނުހުންނާނެއެވެ. މަންމަ އެއައީ ދަރިފުޅު ގެއްލުނު ކަމުގެ ހިތާމައިގައި 3 އަހަރު ހޭދަކޮށްފައެވެ. ޚަރަދުކުރާނެވަރަކަށް ޚަރަދުކުރާނެ ފައިށާ އަތަށް ދީފައި ހުރިއިރު މަންމައަށް އެންމެ ޑޮލަރެއްވެސް ނުފޮނުވާނީ ހާދަ ރަޙުމެއްނެތީމައެވެ. މަންމައަށް އެހައި ސީދާ ހުވަފެނެއް އެފެނުނީ މަންމައަކީ ހާދަ ރަނގަޅު މީހަކަށްވާތީއެވެ.
ތިބާގެ މަންމަ ދެން މިގެއަކުން ނުނެރޭނަމެވެ. އެހެންވެ ތިބާ ވަރިއެއްވެސް ނުކުރާނަމެވެ. އެކަމަކު އިތުރު ދެއަންހެނުންނާއި ކައިވެނިކޮށްގެން މާދަމާރޭ މިގެއަށް ގެންނާނަމެވެ. މަންމަގެ ނޯކަރުކަންވެސް ނިމުނީއެވެ. މަންމަ ދެން މިގޭގައި އިންނާނީ އަހުރެންގެ މަންމަގެ ގޮތުގައެވެ. ދެން ނޯކަރުކަން ކުރާނީ ތިބާއެވެ."
އެގޮތަށް ކަންތައް ނުކުރުން އެދި އަނބިމީހާ ރޮއި އާދޭސްކުރިއެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލުނުކޮށް އޭނާ ބުނި ގޮތަށް ކަންތައްކުރިއެވެ. އަނބިމީހާއަށް އެންގީ އޭނާގެ ނިންމުމަށް ނުރުހޭނަމަ ވަރިވެގެން ދިއުމަށެވެ. ވަރިވެގެންދާނެ ހިތްވަރެއް އަނބިމީހާއަކަށް ނުލިބުނެވެ. ޖެހުނީ ނޯކަރަކަށްވެގެން އިންނާށެވެ!
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ! މައިންގެ ހިތުގައި ނުޖައްސުވާށެވެ! އެކަމުގެ ސަބަބުން ތިމާއަށް މެދުވެރިވާނީ ކޮންފަދަ ބޮޑު ނިކަމެތިކަމެއްކަން ނުވަތަ ލިބޭނީ ކިހާބޮޑު ހިތްދަތިކަމެއްކަން ވިސްނަންވެސް ނުއެނގޭނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް