ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހާއްސަކޮށްގެން ތަރައްޤީކުރާ "ހޯޕް އައިލެންޑް" ގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރެއިން ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒު ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.
ފުރަތަމަ މި މަޝްރޫޢު ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތްނަމަވެސް، މިހާރު ވަނީ އެތަން ތަރައްޤީކުރުމަށް އުތުރު ތިލަފަޅު ހޮވާފައެވެ. ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ފަރާތެއް ހަމަޖެހިފައިވާ ކަމަށާއި، އެ ފަރާތާއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރުވެސް ބައްދަލުވުންތައް ކުރިއަށް ގެންދާ ކަމަށެވެ. "ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީއަށް. ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ،" ވަޒީރު ވިދާޅުވިއެވެ.
މިހާރު ނިންމާފައިވާ ގޮތުން، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ހޯޕް އައިލެންޑް ވެގެންދާނީ 700 މީހުންގެ ޖާގަ އޮންނަ މަރުކަޒަކަށެވެ. އެތަނުގައި ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓްތަކެއް ހުންނާނެއެވެ. މީގެ އިތުރުން، ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް ޤާއިމްކުރެވޭނެއެވެ.
ހޯޕް އައިލެންޑްގެ ޚިދުމަތްތައް ފުރިހަމަ ކުރުމުގެ ގޮތުން، 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި، އެކި ކަހަލަ ހަފްލާތައް ބޭއްވުމަށް ޚާއްސަ ސަރަޙައްދަކާއި، އެތަނަށް ގެންދާ ކުދިންނާއި ބެލެނިވެރިން ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. މި ހުރިހާ ޚިދުމަތްތަކާއެކު، އަސާސީ ހުރިހާ ޚިދުމަތްތައް ލިބޭނެ ފެސިލިޓީއެއްގެ ގޮތުގައި ހޯޕް އައިލެންޑް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.