އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދަޢުލަތަށް 3.5 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދަޢުލަތަށް 3.5 ބިލިޔަން ރުފިޔާ ލިބިއްޖެ

އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް)ގެ ގޮތުގައި ދަޢުލަތަށް ޖުމްލަ 3.5 ބިލިޔަން ރުފިޔާ މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 75 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުގައި، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދަޢުލަތަށް އާމްދަނީ ލިބެނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ދެ ބާވަތެއްގެ ފީއިންނެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދަޢުލަތަށް 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ ވަނީ 64 އިންސައްތަ އިތުރުވެފައެވެ.

މީގެ އިތުރުން، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދަޢުލަތަށް ޖުމްލަ 1.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 1 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 66 އިންސައްތަ އިތުރު އަދަދެކެވެ.

މި ދެ ބާވަތުގެ ޓެކުހާއި ފީގެ ޖުމްލަ އާމްދަނީ 3.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުންދާކަން ދައްކުވައިދޭ މުހިންމު އަދަދެކެވެ. މި އަދަދުތަކުން ދައްކުވައިދެނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ މުހިންމު ދައުރެއް އަދާކުރަމުންދާ ކަމެވެ.

މިއަދު އޮންލައިން