ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދީފިއެވެ.
މި ނިންމުމަކީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. މިކަން ހާމަކުރައްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މުޅިން މަޢާފްކޮށްދީފައިވާ ކަމަށެވެ. މަޢާފްކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.
އެޗްޑީސީން ބުނާ ގޮތުގައި، މިގޮތަށް މަޢާފްކޮށްދެވުނު ޖޫރިމަނާގެ ޖުމްލަ އަދަދު 1.9 މިލިޔަނެއްހާ ރުފިޔާއަށް އަރައެވެ. މި ފިޔަވަޅަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުން ކުރިމަތިލި މުހިންމު މަސައްކަތެކެވެ.
ހިޔާ ޓަވަރުތަކުގައި ހިމެނޭ 2 ކޮޓަރީގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. މީގެ އިތުރުން، މެއިންޓަނެންސް ފީގެ ގޮތުގައި މަހަކު 1,000 ރުފިޔާ ނަގައެވެ. އެހެންކަމުން، ކޮންމެ މަހަކު އެޗްޑީސީއަށް ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 4984 ރުފިޔާއެވެ.