ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިކަމަށް، އެއާޕޯޓު ހިންގާ އައިލެންޑް އެވިއޭޝަން ސަރވިސަސް (އައިއޭއެސް) އިން ވިދާޅުވެއްޖެއެވެ.
މި މުހިންމު މަސައްކަތް ކުރިއަށް ގެންދަނީ ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް އައިއޭއެސްއިން މައުލޫމާތު ދެއްވައެވެ. މާސްޓަރ ޕްލޭނެއް އެކުލަވާލުމަކީ އެއާޕޯޓުގެ ދިގު މުއްދަތުގެ ތަރައްޤީ އާއި ހިންގުން ރޭވުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އިންޓަރނޭޝަނަލް އެއަރލައިންތަކަށް ޚިދުމަތް ދެމުން އަންނަ އެއާޕޯޓެވެ. ޚާއްޞަކޮށް ޕްރައިވެޓް ޖެޓުތައް ޖައްސަމުންދާ މައިގަނޑު އެއާޕޯޓުތަކުގެ ތެރޭގައި މާފަރު އެއާޕޯޓު ހިމެނެއެވެ. މިކަމަށްޓަކައި، އިތުރު ޖެޓުތަކަށް ޚިދުމަތް ދިނުމަށްޓަކައި އެއާކްރާފްޓްތަކުގެ ޕާކިންގއަށް ޚާއްޞަ ކުރެވޭ އޭޕްރަން މިހާރުވަނީ ބޮޑުކޮށް، އެ ޚިދުމަތްތައް ހުޅުވާލާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ވަށައިގެން ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. ނ.އަތޮޅާއި، ރ.އަތޮޅު އަދި ބ.އަތޮޅުގައި ޖުމްލަ 10000 އަށްވުރެ ގިނަ އެނދު މިހާރުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.
މި ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރު ބަލާއިރު، މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް މިއީ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މި މާސްޓަރ ޕްލޭނުގެ ދަށުން، މި ކުރިއެރުންތަކަށް އެއާޕޯޓު ތައްޔާރުކުރުމަށް މަގުފަހިވާނެއެވެ.