މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއާލައިނެއް އައު ޓާމިނަލަށް ބަދަލުވާނެ: އެމްއޭސީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއާލައިނެއް އައު ޓާމިނަލަށް ބަދަލުވާނެ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލަށް، މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރާ ހުރިހައި އެއާލައިނެއް ބަދަލުވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެމްއޭސީއެލްއިން ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް 36 އެއާލައިނެއްގެ ޚިދުމަތް ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުން ޚިދުމަތް ބަދަލުކޮށްފައިވަނީ ފްރާންސްގެ ގައުމީ އެއާލައިން ކަމަށްވާ، އެއާ ފްރާންސެވެ. ޓާމިނަލް 1 އިން އެއާ ފްރާންސްގެ ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އެއާ ފްރާންސަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެއާ ފްރާންސަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2 ނޮވެންބަރު 2017 ގައެވެ. އެމްއޭސީއެލްގެ މި ބަދަލާއެކު، ވީއައިއޭގެ އައު ޓާމިނަލްގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، އެއަރޕޯޓްގެ ކެޕޭސިޓީ ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން