މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ތިން ދިވެހިންނާއި އެކަކީ ނޭޕާލް ރައްޔިތެކެވެ. އެއީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތީގެ ޖުމްލަ ބަރުދަނުގައި 377.39 ގްރާމް ހުއްޓެވެ. މި މިންވަރުގެ މަސްތުވާތަކެތި ފެނުމުން މިކަމަކީ ބޮޑު ވިޔަފާރިއެއްކަމަށް ބެލެވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މޫސާ ޝަހީމް އާއި ޙުސައިން ޝަރުވާން އަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި އަށް ފުރަތަމަ އެއް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ދެވަނަ ފަހަރަށް އެއް ދުވަހުގެ މުއްދަތެއް އަދި ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން