ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ސިލްސިލާކޮށް ރައްޔިތުންނާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުން މިރޭ އޮންނާނެއެވެ. މިއީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ރައީސް އިސްކުރައްވާފައިވާ މަސައްކަތްޕުޅެކެވެ.
މިބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިރޭ 20:30 ގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލްގައެވެ. ސަރުކާރުން ވަނީ މިބައްދަލުވުމަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތައް އައްސަވާ އަދި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ސިލްސިލާ ބައްދަލުކުރެއްވުންތަކެއް ބާއްވަވަމުންނެވެ. މިފަދަ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުންތަކެކެވެ.
މިރޭގެ ބައްދަލުވުމުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް އެމީހުންގެ މައްސަލަތަކާއި، ހިޔާލުތައް ސީދާ ރައީސްއާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިބައްދަލުވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ޙާޒިރުވާނެ ކަމަށް ބެލެވެއެވެ.