ހުޅުމާލެ ތިންވަނަ ފިޔަވަހިން 40 ހެކްޓަރުގެ ބިން ހިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހުޅުމާލެ ތިންވަނަ ފިޔަވަހިން 40 ހެކްޓަރުގެ ބިން ހިއްކައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ހާމަކުރެއްވި ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 40 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވެއެވެ. މިއީ، އެ މަޝްރޫޢުގެ ޖުމްލަ 63.5 އިންސައްތައެވެ.

ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަސައްކަތް މިހާރު ކުރަމުންދަނީ، އެމްއޭސީއެލްގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ ޑްރެޖަރުތަކުގެ އެހީގައެވެ. މި މަސައްކަތުގެ ސަބަބުން މިހާރުވަނީ ރިސޯޓެއްގެ ގޮތުގައި ހިންގަމުން އައި ފަރުކޮޅު ފުއްޓާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ގުޅިފައެވެ. ފަރުކޮޅު ފުއްޓަކީ، ބައެއް ފަރާތްތަކުން ކައިވެނި ޕާޓީތަކާއި އެނޫންވެސް ޕާޓީތައް ބާއްވަމުން އަންނަ ތަނެކެވެ.

އެމްއޭސީއެލްއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބިން ހިއްކުމުގެ މަސައްކަތް ވަނީ ބާރުދުވެލީގައި ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި އެކަނިވެސް 9 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދަނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫޢުތައް ނިމުމުން، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބި، އިތުރު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން