ހުޅުމާލެ ފޭސް 2 ގައި އެޅި 4000 ފްލެޓް ހަވާލުކުރުން އަވަސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހުޅުމާލެ ފޭސް 2 ގައި އެޅި 4000 ފްލެޓް ހަވާލުކުރުން އަވަސްކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތައް، ކުރިން ރާވާފައިވާ ތާރީޚަށްވުރެ އަވަހަށް ހަވާލުކުރަން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. މި މަސައްކަތް އަވަސްކުރެވިފައިވަނީ ފްލެޓްތަކުގެ މަސައްކަތް މުޅިން ނިމި، ހަވާލުކުރުމަށްޓަކައި ހުރިހާ ތައްޔާރީއެއް ވެފައިވާތީއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ދައުލަތުގެމީޑީއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އަމާން އުދަރެސް އަދި އަމާން ދޯދީގެ ހުރިހާ ފްލެޓެއްގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ނުނިމި ހުރީ އެމްޑަބްލިއުއެސްސީން މަގުތަކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، އެހެންކަމުން، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ އައު ތާރީޚުތައް ފަހި ފޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އަންގަމުންދާނެ ކަމަށެވެ. އުއްމީދަކީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމައި ފްލެޓް ލިބިފައިވާ ހުރިހާ ފަރާތްތަކާ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެފްޑީސީން މިހާރު ލަފާ ކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިމޭނެއެވެ. މީގެކުރިން އެފްޑީސީން ވިދާޅުވެފައިވާ ގޮތުގައި ބައެއް ޓަވަރުތަކުގެ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށޭނީ އަންނަ އަހަރުގެ ޖަނަވަރީމަހުގެ ފަހުކޮޅުގައެވެ. މި ބަދަލާއެކު އެތައް ރައްޔިތުންނެއްގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން