ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަކޮށްފައިވާ ބަސް ހުއްޓިތައް، އެހެން އުޅަނދުފަހަރު ބޭނުންނުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އަންގައިފިއެވެ.
މި އެންގުން އަންގާފައިވަނީ އެ ސަރަހައްދުގައި އެކި ފަރާތްތަކުން ޕާކްކޮށް ހުއްޓާ އުޅަނދުފަހަރުގެ ސަބަބުން އުފެދޭ ދަތިތަކަށް ހައްލެއް ހޯދުމަށާއި، ދަތުރުވެރިންނަށާއި އެއަރޕޯޓްގެ މުވައްޒަފުންނަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، ވީއައިއޭގެ ޓާމިނަލް އެކެއްގެ އެރައިވަލް ގޭޓް ހަތަރެއްގެ ދެކުނުގައި އުޅަނދުފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ، ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުން ދަތުރުވެރިން އެރުވުމަށާއި، އެމްއޭސީއެލްގެ ސްޓާފް ބަސްތައް ހުއްޓުމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ. މި ސަރަހައްދަކީ ސީޕްލޭން ދަތުރުފަތުރުކުރާ ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް ވަކިކޮށްފައިވާ ބައެކެވެ.
އެހެންކަމުން، މިހާރުން މިހާރަށް އެ ނޫން އެއްވެސް އުޅަނދެއް އެ ސަރަހައްދުގެ ތެރޭގައި ޕާކްކުރުމާއި މަޑުކުރުމަކީ، އަދި އެ ސަރަހައްދަށް ވަދެ ނުކުތުމަށް އުނދަގޫވާ ގޮތަށް އުޅަނދުތައް ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.
އެމްއޭސީއެލް އިން ވަނީ، އެއަރޕޯޓު ތެރޭގައި އުޅުއްވާއިރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން، އެއަރޕޯޓުގެ ހަރަކާތްތައް ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކޮށް ބަރާބަރަށް ހިންގުމަށް އެހީތެރިވެދިނުމަކީ މުހިއްމު ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.