ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ 2023 ވަނަ އަހަރު ދޭން ފެށި ސްޕޯޓްސް ސްކޮލަރޝިޕް ވިދިވިދިގެން ދޭ ތިންވަނަ އަހަރެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމެވެ. މި ސްކޮލަރޝިޕަށް އެތުލީޓުން ހޮވުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި ނޮމިނޭޝަންތައް ހުޅުވާނީ އެމްއޯސީގެ މެންބަރު އެސޯސިއޭޝަންތަކަށެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް. މި ސްކޮލަރޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލަރޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް."
އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، "ސްޕޯޓްސް ސްކޮލަރޝިޕް ދިނުމަށް ތިންވަނަ އަހަރަކަށް ބީއެމްއެލްއާއެކު އެއްބަސްވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އިދާރާއާއި ބޭންކުން ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްގީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވެދޭނެ."
ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަކެއް ކުރަމުން އަންނަ ބެންކެކެވެ. އެގޮތުން ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަރޝިޕްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.