މިފްކޯއިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިފްކޯއިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ. މި ފެސިލިޓީއަކީ ފުވައްމުލަކުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ގެނެސްދީ، އެ ސިޓީގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ.

މި ފެސިލިޓީ ހުޅުވުމަށްޓަކައި ފުވައްމުލަކުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ފެސިލިޓީ ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންގެ އިތުރުން ފުވައްމުލަކުގެ ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފެސިލިޓީގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ކުރިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މި ފެސިލިޓީއަށް ބޭނުންވާ ހުއްދަ ދޫކޮށްފައެވެ. މިއީ ފެސިލިޓީގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މުހިންމު ކަމެކެވެ.

މިފްކޯއިން ވިދާޅުވެފައިވާ ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. މި ފެސިލިޓީއަކީ ސިޓީގެ އިޤްތިޞާދަށް އާލާކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅުކޮށްދޭނެ މުހިންމު ހިދުމަތެއް ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

މިއަދު އޮންލައިން