ދިވެހިރާއްޖޭގެ ޒަކާތުގެ ފުރަތަމަ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޢާންމު ފަރާތްތަކުގެ ތެރެއިން ޒަކާތުގެ ދާއިރާގައި ހިމެނޭ މާހިރުންނަށެވެ.
ޒަކާތު ހައުސްއިން މިކަމާޣުޅިގެން ވިދާޅުވީ، ޒަކާތުގެ ޤާނޫނުގެ ދަށުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން ޒަކާތު ކައުންސިލްގައި ތިބެންވާނެކަމަށް ބަޔާންކޮށްފައިވާތީ، ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާކަަމަށެވެ. އެގޮތުން މިހާރު އިއުލާންކޮށްފައިވަނީ ޢާންމުގެ ތެރެއިން ޒަކާތު ކައުންސިލަށް ނަގާ ދެ މެންބަރުން ހޯދުމަށްކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކުރައްވާފައެވެ.
ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، ޒަކާތު ކައުންސިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ ލަސްވެގެން ޖަނަވަރީ މަހުގެ 1 ގެ ކުރިން ކައުންސިލް އެކުލަވާލެވޭނެކަމަށެވެ. ޒަކާތު ކައުންސިލް އެކުލެވިގެންވަނީ ޖުމްލަ 9 މެންބަރުންގެ މައްޗަށެވެ. އެގޮތުން، މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުންނާއި، އަދި މިހާރު ކުރިމަތިލުމަށް ހުޅުވާލާފައިވާ ޢާންމުގެ ތެރެއިން ހޮވާ ދެ މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.