މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު، މިރޭ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މަގު ބަންދުކުރުމަށް ނިންމާފައިވަނީ އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށްޓަކައެވެ.
ފުލުހުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ މިރޭ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން، ބަންދު ކުރުމަށް ނިންމާފައިވަނީ މުޙައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުން ފެށިގެން އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބަށެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްދާ ވަގުތު ތަކުގައި، މަގު ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ މީގެކުރިންވެސް އަންގާފައެވެ.