އަޅުގަނޑުގެ ފިރިމީހާ ރަނގަޅުކުރާކަށް ނެތީމެވެ. އެއީ ވެރިއަކަށްހުރެ ގިނަ އަންހެންކުދިންނާ ގުޅުންހިންގާނީ އޭނާގެ ގޯސްކަމުން ކަމަށްވާތީއެވެ. އެކަމަކު އަޅުގަނޑުގެ ސުވާލަކީ ޢުމުރުން އެހައި ދޮށީ މީހަކާ އެކުދިން ގުޅުން ހިންގާއިރު މިނަގައިލެވެނީ ތިމާގެ އަގާ ޢަބުރާ ޢިއްޒަތް ކަމާއިމެދު ނުވިސްނަނީ ކީއްވެގެންބާވައެވެ!
ދެން ކުރާނެ ސުވާލަކީ ފުދިގެން ތިއަ އިންނަނީ ކީއްވެގެންތޯއެވެ؟ ޖަވާބަކީ ލިބިފައިވާ ދަރިންކޮޅު ނިކަމެތިކޮށްލަން ނުކުރިގެންނެވެ.
މިއީ ކިޔުންތެރިއެއްގެ އިޙްޞާޞްތަކެވެ. މިފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިއީ އެންމެ ގިނައިން ސުވާލުލިބޭ އެއް ކަންތައްވެސް މެއެވެ. އެހެންކަމުން ހަމަ މިފަދަ ސުވާލަކާއި ފައިދާކުރާނެ ފިލާވަޅެއް ގެނެސްދޭނަމެވެ. އިން ޝާ ﷲ
އަތަރު ނުވަތަ ސެންޓް ވިއްކާ ފިހާރަތަކުގަ ވަސްދައްކާނީ އެކަމަށް ޚާއްޞަ ފުޅިއަކުންނެވެ. އެފުޅިއަކީ އެއްވެސް އަގެއް ހުންނަ ފުޅިއެއް ނޫނެވެ،ވަންނަ ކޮންމެ މީހަކުވެސް ވަސްބަލާލާފައިދާންވީއެވެ. ނަމަވެސް އަޞްލު ސެންޓްފުޅިން ވަސްބެލޭނީ ގަނެގެންނެވެ.
ހިތާމައަކީ ފިހާރަތަކުގައި ވިއްކަން މިހުންނަ އަޞްލު ސެންޓްފުޅީގެ އަގުވެސް ނެތް އަންހެނުން މުޖުތަމަޢުގައި ގިނަވަމުން އަންނަ ކަމެވެ. އަންހެނަކަށްވެ ހުރެ މިހެން ބުނަން ދެރަވެސް ވެއެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤަތެވެ. އަޅުގަނޑަށް މިއުޅެނީ މިދެންނެވި ފަދަ އެއްވެސް އަގެއް ނެތް ސެންޓްފުޅިތަކުގެ ވަބާގެ ސަބަބުން ހިންދެމިލާނެ ވަޤުތެއް ނުލިބިގެންނެވެ.
އަޅުގަނޑުގެ ފިރިމީހާއަށް ވަސްދައްކާވަރުންނެވެ. އޮފީހަށް ވަންނަ ގޮތަށް ފުރަތަމަ ކުރާ ކަމަކީވެސް އެއީކަމަށްވުން ގާތެވެ. 7 ދަރިން ލިބިފައިވުމާއި އެދަރިން ބެލެހެއްޓޭނެ ގޮތެއް ނެތުމުން މަތިލަމައްޗަށް ސެންޓްޖެހިޔަސް މިޖެހެނީ ކެތްތެރިވެގެން އިންނާށެވެ. އެކަމަކު މިއީވާ ހާދަހާ ހިތްދަތިކަން ބޮޑުކަމެކެވެ.
މިޙާލަތުގައި ޙައްލަކީ ކިބައިތޯ؟
ކިޔުންތެރިޔާއެވެ! ތިއަ ހާމަކުރީ އަނިޔާ ލިބެމުން އަންނަ މައެއްގެ އިޙްޞާޞްތަކެވެ. ތިއަ ދެއްކި ވާހަކަތަކަށް ބަލައި މިގެނެސްދެނީ ވަސްބަލަން އެންމެން ބޭޏުންކުރާ ޓޭސްޓަރަކަށް ނުވެ ދިރިއުޅުން ކާމިޔާބުކުރި އަންހެނެއްގެ ވާހަކައެވެ. އަންހެނުންގެ އަގު އެރުވޭނީވެސް ހަމ އަންހެނުންނަށްކަން ދައްކައިދިން ކުއްޖެގެ ޥާހަކަތަކެވެ.
އަޅުގަނޑަށް ކިޔެވުނީ އޭލެވެލް އާއި ހަމައަށެވެ. އެހިސާބުން މަންމަ ބަލިވުމާއި ގުޅިގެން ކުރަންޖެހުނު ޚަރަދުތައް ބޮޑުވެ އިތުރަށް ކިޔަވައިދެވޭނެ ގޮތެއް ބައްޕައަކަށް ނުވިއެވެ. ހިލޭ މަތީ ތައްލީމް ލިބުމުގެ ފުރުޞަތު އެއިރު ނުއޮންނާތީއެވެ.
ކޮންމެއަކަސް އަޅުގަނޑަށްވެސް ޖެހުނީ ފައިސާ ހޯދަން މަސައްކަތްކުރާށެވެ. ވަޒީފާ ލިބުނީ އަމިއްލަ ކުންފުންޏަކުންނެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. ލިބޭ މުސާރައިން ބައެއް ހޭދަކޮށްގެންނާއި ކުންފުނީގެ އެހީތެރިކަމާއިއެކުވެސް އެމްބީއޭ ޙާޞިލްކުރީމެވެ.
އެމްބީއޭ ހަމަ ލިބުނުތަނުން ކުންފުނީގެ އިސްމަޤާމެއްވެސް ލިބި ވެރިއަކަށް ވެވުނެވެ. އެދުވަސްވަރު ވެރިމީހާގެ ދަރިފުޅު އިސްމާޢީލް އުޅުނީ އަޅުގަނޑުގެ ފަހަތުން އަޅައިގަނެގެންނެވެ. އިސްމާޢީލް އަކީ އަޅުގަނޑުގެ ޑައިރެކްޓް ބޮސް އެވެ. ފާޑުފާޑުގެ ބަސްތައް ބުނެއެވެ. ނަމަވެސް ހިނިތުންވެލުން ނޫން ޖަވާބެއް ނުދެމެވެ.
އެއް ދުވަހަކު ބޮސް އަޅުގަނޑުގެ ކޮޓަރިއަށް ކަމަކު އައިސް މޭޒުދޮށުގައި އަޅުގަނޑު އިންދާ ބޮސް އަޅުގަނޑުގެ އަތުގައި ހިފައިލުމުން ފޮޅުވައިލީމެވެ. އެހިސާބުން އަޅުގަނޑު ވަރަށް ރީތިވާހަކައާއި ވަރަށް ކަމުދާ ވާހަކައާއި އަދި ލޯބިވާ ވާހަކަ ބުންޏެވެ.
ޖަވާބުގައި އަޅުގަނޑު ބުނީމެވެ. "ފިހާރަތަކުގައި ހުންނަ އަގުބޮޑު ތަކެތި ބަހައްޓާފައި ހުންނަ ސޯކޭސްތަޅުލާފައި އެހުންނަނީ ކަމަކުއެވެ. އެއީ ބޭނުންހައި މީހަކު އަތްލިއަނުދިނުމަށެވެ. ގަންނަން ބޭނުން ނޫންނަމަ ޖެހޭނީ ބަލާލައިފައި ދާށެވެ. އަތްލެވޭނީ ގަންނަން ބޭނުންވާ މީހާއަށެވެ. އަންހެންކުދިންނަކީ ހަމަ އެފަދަ ބައެކެވެ. އެއަށްވުރެވެސް މާ އަގުބޮޑު މުދަލެކެވެ. ވީމާ ގައިގައި އަތްލަންވާނީ ކައިވެނިކުރަން ބޭނުންނަމައެވެ. ކައިވެނިކުރަން ބޭނުންނަމަ އަޅުގަނޑު މިހުރީ ރުހިގެންނެވެ. އަވަސްކުރާށެވެ! މިހާރު ފޮނުވިޔަސް ރަންކިޔާނަމެވެ."
އެހެން ބުނުމުން ބޮސް އެއްވެސް އެއްޗެއް އިތުރަކަށް ނުބުނެއެވެ. ހިނގަނޑަކުން ދުއްވައިލީއެވެ. އަޅުގަނޑުވެސް ހަމަ އެގޮތަށް ހިނގަނޑަކުން ނިންމައިލީއެވެ.
އެދުވަހު ހަވީރު ގެއަށްދިއަތަނާ ލިބުނީ ބޮސްގެ މެސެޖެކެވެ. "ބައްޕައާ ބައްދަލުކުރަން މިރޭ 9 ޖަހާއިރު ތިގެއަށް އެބަ ދަން."
ޖެހިގެން އައިރޭ ރަންކިޔައިފީމެވެ. ހަފްތާއެއްގެ ތެރޭގައި ކައިވެނިކުރެވުނެވެ. ކައިވެންޏަށް 13 އަހަރު ފުރިއްޖެއެވެ. 4 ދަރިންވެސް އެބަތިއްބެވެ. ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާގެ ބައްޕަގެ އެހީތެރިކަމާއިއެކު ފަށައިގަނެ މިހިންގަނީ އިސްމާޢީލް އާއި އަޅުގަނޑުގެ ވިޔަފާރިއެކެވެ.
މިއަދުނޫހުގެ ކިޔުންތެރިން ގާތު، ޚާއްޞަކޮށް އަންހެންކުދިން ގާތު ބުނެލަން ބޭނުމީ އަތްފުއްސަކަށްނުވާށެވެ. އެއިރުން އެވެވެނީ ތުންފުއްސަކަށެވެ. އެއްވެސް އަގެއް ނުހުންނާނެއެވެ. ލޯބިވާކަމަށް ބުނާނަމަ އޭނާގެ ޙަޤީޤަތް ބެލުމަށްފަހު އަވަހަށް ކައިވެނިކުރަން ބުނާށެވެ. ކިތަންމެ އަގުބޮޑު ޖަވާހިރެއްވެސް މަގުމައްޗަށް އެއްލައިލީމާ މީހުން އަރާނީ ފައިންނެވެ. އަހަރެމެންގެ އަގު އަރާނީ އަހަރެމެން އަހަރެމެންގެ ގޮތުގައި ސާބިތުވެ ތިބެގެންނެވެ.
އަޅުގަނޑު ޢާންމުކޮށް އެންމެންނަށް އަންގަން މިބަސްތައް މިބުނީ އަޅުގަނޑުގެ އެކުވެރި ޒޫނާއަށް ޚާއްޞަކޮށްގެންނެވެ. ޒޫނާއަށް ކަމެއް ވިސްނައިދިނުމުގެ ބޭނުމުގައެވެ. ޒޫނާއަކީ ތުންފުއްސަކަށްވާން ބޭނުން ނުވާތީއެވެ.
- ޒިޔާދާ / މިއަދުނޫހުގެ ކިޔުންތެރިއެއް