ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ، ޗައިނާ ސަރުކާރުން ކަމަށެވެ. މި މަސައްކަތަށް ޚާއްޞަވެގެން ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ވިލިމާލޭގައި އިމާރާތްކުރާ ޓާރޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭ ހެދުމާއި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ކުރުމަށްޓަކައި މި ޓީމު ރާއްޖެ އައިސްފައިވަނީ މި މަހުގެ ތެރޭގައި ކަމަށެވެ.

ސާރވޭކުރުމާއި ޑިޒައިންކުރުމުގެ މަސައްކަތް ފެށިފައިވާއިރު، މި ޓީމުން އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، މަޝްރޫޢުގެ މުހިންމު ސްޓޭކްހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ޚާއްޞަކޮށް ވިލިމާލޭގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން