މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމެންދެން، މަސްމާރުކޭޓަށް ވަދެ ނިކުމެ ހެދޭނީ ހަވީރީ ހިނގުމާއި ވީ ފަރާތުން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް، މަގު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި، ބޮޑުތަކުރުފާނު މަގުން މަސްމާރުކޭޓަށް ވަދެވޭ ދޮރު މިހާރު ވަނީ ބަންދުކޮށްފައެވެ.
މިސަރަހައްދު ތަރައްޤީ ކުރުމަށް ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ނިމެންދެން، މަސްމާރުކޭޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަދެ ނިކުމެވޭނެ ހަމައެކަނި ފަރާތަކީ ހަވީރީ ހިނގުމާއި ވީ ފަރާތް ކަމަށް މާލެ ސިޓީ ކައުންސިލުން އިތުރަށް ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންދާ ސަރަހައްދު ހިމެނޭ، މުހައްމަދު އިސްމާޢީލް ދީދީ ގޯޅިން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް ވަނީ ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް އާންމު ޓްރެފިކަށް ބަންދުކޮށްފައެވެ. މި ބަދަލުތަކަށް ރައްޔިތުން ސަމާލުވެ، މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.