މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ ގެންގުޅޭ ފަރާތްތައް ޖޫރިމަނާ ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާ ގެންގުޅޭ ފަރާތްތައް ޖޫރިމަނާ ކުރަނީ

މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރާ ކުރާ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވިދާޅުވެއްޖެއެވެ. އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމުން، މި ދޫނިތަކަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކެއްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވީ ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމަށާއި، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެ އިތުރުން، މިފަދަ ދޫނިތައް ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ. މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން، މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފުވެއެވެ. ޚާއްޞަކޮށް ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ ޒިންމާއެކެވެ.

އީ.ޕީ.އޭ އިން ވަނީ މިފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަމުން ދުރުހެލިވުމަށާއި، މިހާރު ހިފާފައިވާ ދޫނިތައް ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. ގަވާއިދާ ޚިލާފަށް ދޫނި ހިފާ، ގެންގުޅޭ ނުވަތަ އޭގެ ވިޔަފާރިކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުވެސް އެ އޮތޯރިޓީން ވަނީ ދެއްވާފައެވެ.

މިފަދަ ޣައިރުޤާނޫނީ އަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އާންމުންގެ ކިބައިން އެ އޮތޯރިޓީން ވަނީ އެދިފައެވެ. ޝަކުވާތައް ހުށައަޅާއިރު މައްސަލައާ ގުޅުންހުރި ވީހާވެސް ގިނަ މަޢުލޫމާތު ހިމެނުމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން އިރުޝާދު ދެއްވައެވެ.

މިއަދު އޮންލައިން