ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމާއިގުޅިގެން އެޗްޕީއޭއިން ރެޑް އެލާޓް ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި ވައި ނުސާފުވުމާއިގުޅިގެން އެޗްޕީއޭއިން ރެޑް އެލާޓް ނެރެފި

މާލެ ސަރަހައްދުގެ ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިގެ ކޮލިޓީ ދަށްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަތް ސަމާލު ނެރެފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ އިންޑެކްސް ހުރީ 170 ގައެވެ.

ވައިގެ ކޮލިޓީ ހުރި މިންވަރަށް ބަލާއިރު، މާލޭގައި މި އަދަދު ހުރީ 123 ގައެވެ. އަދި ވިލިމާލޭގައި 163 ގައި ހުރިއިރު، މުޅި ރާއްޖެއިން އެންމެ ނުރައްކާތެރި މިންވަރަކަށް ވައިގެ ކޮލިޓީ ދަށްވެފައިވަނީ ދ. ކުޑަހުވަދޫގައެވެ. އާންމު ގޮތެއްގައި ވައިގެ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ރަތް ސަމާލު ނެރެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިއީ އެންމެންގެ ސިއްހަތަށްވެސް ނުރައްކާވާނެ މިންވަރެކެވެ. މި ހާލަތުގެ ސަބަބުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެ އާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ބަލި ބޮޑުވުމުގެ ނުރައްކާ އޮތްކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. "ސިއްހީ ގޮތުން ނާޒުކު ފައްތަރެއްގައި ތިބި ފަރާތްތަކުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މެނުވީ ނުނިކުމެ، ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އަޅައި، ވައި ނުވަންނާނެހެން ދޮރުތައް ލައްޕާ ބެހެއްޓުމަށް" އެޗްޕީއޭއިން އެދިފައިވެއެވެ.

މާލެ ސަރަހައްދު ރަތް ސަމާލުގައި އޮތްއިރު، ރާއްޖޭގެ މެދުތެރޭގެ ބައެއް ސަރަހައްދުތައް އޮތީ އޮރެންޖް ސަމާލުގައެވެ. އަދި ބައެއް އެހެން ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ހާލަތްތަކުގައިވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި އުޅުމާއި، ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަމުން ދުރުހެލިވުމަށް ވަނީ އިރުޝާދު ދީފައެވެ.

ވައި ސާފު މިންވަރު ދެނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އައިކިއު އެއަރ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއަދު އޮންލައިން