ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ރަސްމީ ގޮތަށް ކަމެއް ނިންމުމަށް ވޯޓެއް ނުނަގާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ. އަރީޝް މިހެން ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވުމަށް ސިޓީ ކައުންސިލުން މަސައްކަތް ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅު މޭޔަރު އާދަމް އާޒިމް ދޮގުކުރެއްވުމާ ގުޅިގެންނެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ، މޭޔަރު އާޒިމް މި މައްސަލައިގެ ހަގީގަތް އޮޅުވައިލައްވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ހުޅުމާލޭގެ ހިދުމަތްތަކާ ހަވާލުވުމާ ގުޅޭ ގޮތުން ކައުންސިލުން ރަސްމީ ގޮތެއް ނިންމުމަށް މޭޔަރު މިހާތަނަށް ވޯޓެއް ނަންގަވާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރު މިކަން ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިތޯ؟ އިޚްލާޞްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާއެކު މިކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވަންވީ ނޫންތޯ؟" ގާނޫނީ އިޖުރާއާތު ފުރިހަމަނުކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުނުވެވޭނެކަން ފާހަގަކުރައްވަމުން އަރީޝް ސުވާލުކުރެއްވިއެވެ.
ޑެޕިއުޓީ މޭޔަރު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، ހުޅުމާލޭގެ ހިދުމަތްތަކާ ހަވާލުވުމަށް އަމަލީ ގޮތުން މޭޔަރު އެއްވެސް ކަމެއް ނުކުރައްވައެވެ. އަދި ސިޓީ ފޮނުއްވި ކަމަށް ވިދާޅުވެ މީޑިއާތަކަށް ދައްކަވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، މޭޔަރު ގެންދަވަނީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން ކަމަށްވެސް އަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާކަން އަރީޝް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެ މަސައްކަތްތަކަށް އިޖާބަނުދެއްވީ މޭޔަރު ކަމަށް ކައުންސިލުގައި ތިއްބެވި ހަގީގަތް އެނގިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ހެކިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.