ނ. މާފަރުގައި ތަރައްޤީކުރި ކަސްޓަމްސްގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މާފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކަސްޓަމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބިނާކުރި މި އޮފީސް އިމާރާތަކީ، ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ޖުމްލަ 8.66 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި މަޝްރޫޢު ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ޖުމްލަ 6,557 އަކަފޫޓުގެ ޖާގަ ހިމެނޭ މި އައު އިމާރާތުގައި މާފަރު އެއަރޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި، އެ އެއަރޕޯޓް މެދުވެރިކޮށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ މުދަލާ ގުޅިގެން ކަސްޓަމްސްއިން ނިންމަންޖެހޭ އެންމެހާ ލިޔެކިޔުންތައް ނިންމުމާއި ވިލަރެސްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގައާއި، 25 އޮފިސަރުންގެ އެކޮމޮޑޭޝަން ފެސިލިޓީގެ އިތުރުން މީޓިންގ ރޫމެއް ވެސް ހިމެނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މި އިމާރާތުގެ ނިމިފައިވަނީ އެންމެ 30 އިންސައްތަ މަސައްކަތް ކަމަށެވެ. ނަމަވެސް މިއީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، ކުރު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކަސްޓަމްސްގެ ކުރިއެރުމާއި އެ ސަރަހައްދުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާފަރު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވަމުން އަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކޭ އެއްފަދައިން އެ އެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ކަސްޓަމްސްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންވާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނޭ ގޮތަށް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އައު އޮފީހާއެކު މާފަރުގައި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، އެ ސަރަޙައްދުގެ ވިޔަފާރިވެރިންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކަސްޓަމްސްއިން ދެކެއެވެ.