އެއިޑްސް ބައްޔަށް ޒުވާނުން ހުށަހެޅެމުންދާ ދިއުން ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ވަރުގަދަކުރަންޖެހޭ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނަދޫ ސިޓީގައި ބޭއްވި އާއިލީ ހަވީރު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެއިޑްސް ބައްޔަކީ މީގެ ކުރިން ނުރައްކާތެރި އަދި މުޅި ދުނިޔެ ކަންބޮޑުވާ ފަދަ ބައްޔެއް ނަމަވެސް، މިއަދު އެއީ ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ކަމަށެވެ. އަދި ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށް އެކި ދުވަސްވަރު ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ހާލަތު ގޯސްކަމަށް ދެންނެވެން ނެތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި ބަލިމަޑުކަމަށް ޒުވާނުން ހުށަހެޅެމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިއީ މިކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގެ ސިގްނަލެއް ކަމަށްވެސް ވަޒީރު ސިފަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ސަރުކާރުގެ މުޢައްސަސާތަކާއި ޖަމިއްޔާ ޖަމާޢަތްކާއި ގުޅިގެން މިކަމަށް ފޯކަލް ކޮށްގެން މަސައްކަތް ކުރާނަން. އިރަދާކުރެއްވިއްޔާ އެކަމުން ރަނގަޅު ނަތީޖާއެއް ލިބޭނެ. ކުރީގައި ހެލްތު ސެކްޓަރއިން ލިބިފައިވާ ކުރިއެރުންތަކޭ އެއްފަދައިން މިކަމުގައި ޒުވާނުންނަށް ޚާއްސަކުރެވިގެން މަސައްކަތް ކުރެވިއްޖެނަމަ މިކަން ހާސިލްވާނެ ކަމަށް ކަށަވަރުވޭ،" ވަޒީރު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަކީ އެންމެން ގުޅިގެން ކުރެވޭނެ ކަމެއްކަން ތަކުރާރުކުރައްވަމުން، ވަޒީރު ވަނީ މި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެއިޑްސް ދުވަހެވެ.