ޢިބްރަތްތެރި ޥާހަކަ: ދަރިން ފަޤީރަކާ ކައިވެނިކުރަން ބޭނުންވީމާ ނުރުހި ގެއިން ބޭރު ނުކުރަންވީ މިހެންވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢިބްރަތްތެރި ޥާހަކަ: ދަރިން ފަޤީރަކާ ކައިވެނިކުރަން ބޭނުންވީމާ ނުރުހި ގެއިން ބޭރު ނުކުރަންވީ މިހެންވެ!

އަޅުގަނޑުގެ މައިންބަފައިންނަކީ ތަނަވަސް ބައެކެވެ. އެސަބަބަށްޓަކައި ބައްޕަ އަޅުގަނޑުގެ ކައިވެނިކުރުވަން ޞޭނުންވަނީ ތަނަވަސްމީހަކާއިއެވެ. ނަމަވެސް އަޅުގަނޑު ހުރީ ފަޤީރަކުދެކެ ލޯބިވެގެންނެވެ. އެއީ ތަނަވަސް މީހަކާއި ކައިވެނިކޮށްގެން އަޅުގަނޑަށް ލިބޭނެ އުފަލެއް ނުއޮންނާނެތީއެވެ.  

ބައްޕަގެ ބަސް ޤަބޫލުނުކޮށް ލޯބިވެރިޔާއާއި ކައިވެނިކުރަން އުޅުމުން ބައްޕަ ބުނީ ކައިވެނިކޮށްގެން ގެއިން ނުކުމެގެންދިއުމަށެވެ. ބައްޕަގެ އެޙީތެރިކަމެއް ނުލިބޭނެ ކަމަށެވެ. ބައްޕަގެ އޮފީހުގައި ވަޒީފާއަދާކުރާތީ މިހާރުވެސް ދޭ މުސާރައިގެ އިތުރުން އެއްވެސް ފައސާއެއް ނުދޭނެ ކަމަށެވެ. 

ބައްޕަގެ ހުރިހާ ޝަރުޠެއް ޤަބޫލުކުރީމެވެ. ދެކޮޅަށް އެންމެ ބަހެއްވެސް ނުބުނަމެވެ. ކައިވެނިކުރީއެވެ. ފޮށި ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތުމުން މަންމަ ރޮމުން ބައްޕައަށް ވަރަށް އާދޭސްކުރިއެވެ. ދެމީހުންވެސް ކައިވެނިކުރީ ތަނަވަސްކަމެއް ނެތިކަމާއި ތަނަވަސްކަން ލިބުނީ ދެމީހުން ކުރިމަސައްކަތުންކަން ހަނދާންކޮށްދިނެވެ. އަދި އެދެމަފިރިންވެސް ތެދުވެރިވކަމާއިއެކު މަސައްކަތްކުރުމުން ރަޙްމަތް ލައްވަވާނެ ކަމަށްވެސް ބުންޏެވެ.  

އެހުރިހާ ވާހަކަތަކެއް މަންމަ ދެއްކުމުންވެސް ބައްޕަ ޤަބޫލުނުކުރީމާ ނުކުމެގެން ދިއައީއެވެ. ފިރިމީހާ ކުއްޔަށް ހިފާފައި ހުންނަ ކޮޓަރިއަކަށެވެ. ކޮޓަރީގައި އުޅޭތާ 3 މަސްވީތަނާ އެއްރޭ ދަންވަރު ގުޅާފައި މަންމަ ބުނީ ބައްޕައަށް ސްޓްރޯކެއް ޖެހިއްޖެކަމަށާއި އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. ވަޤުތުން ދެމަފިރިން ދިއައިމެވެ.  

ފިރިމީހާ ޗުއްޓީނަގައިގެން ބައްޕަގެ ގާތުގައި ހުންނަން ފެށިއެވެ. އަހުރެންގެ ދޮށްޓަށް ތިބި 3 ބެއިންނަށް އަދި އެމީހުންގެ ބައިވެރިންނަކަށްވެސް ހޮސްޕިޓަލުގައި މަޑުކޮށްލެވޭ ކަމަކަށް ނުވިއެވެ. އެހެންވެ ފިރިމީހާއަށް ޖެހުނީ 2 ހަފްތާވަންދެން ހޮސްޕިޓަލުގައި ބައްޕަގެ ގާތުގައި ހުންނާށެވެ. އެކަމަކަށް ޝަކުވާއެއް ނުކުރެއެވެ.  

ގެއަށް ގެންދިއުމުން ފިރިމީހާއެއް ނުދެއެވެ. ނޯކަރުން ތިބޭނެތީއެވެ. އެހެން ދަރިންވެސް ތިބޭނެތީއެވެ. ނަމަވެސް ބައްޕައަކަށް އެގޮތެއް ކަމަކު ނުދިއައެވެ. ފިރިމީހާ ގެންގޮސްފައި އެދުނީ ކޮޓަރި ދޫކޮށްލައި ގެއަށް ބަދަލުވުމަށެވެ. ވަޒީފާވެސް ދޫކޮށްލައި ބައްޕަގެ އޮފީހުގައި މަސައްކަތްކުރަން ފެށުމަށެވެ. ފިރިމީހާ ދެކޮޅެއް ނުހަދައެވެ. އެކަމަކު އަހުރެންގެ ގާތުގައި ބުންޏެވެ. "ތިބާ ދެކެ މިވަރަށް ލޯބިނުވާނަމަ ގެއަށް ބަދަލެއް ނުވީމުހެވެ." އެކަން ބައްޕައަކަށް ނުއަންގަމެވެ.  

މިއީ 3 އަހަރު ފަހެވެ. ބައްޕަ ގަދަވުމުންވެސް މަސައްކަތަކު ނުދެއެވެ. ކުރާކަމަކީ އަހުރެމެން ދެމަފިރިންނަށް ލަފާދިނުމެވެ. ހުރިހާ މަސައްކަތެއް ކުރަނީ އަހުރެމެން ދެމަފިރިންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޙަޤީޤީ ލޯބިވާ މީހަކު ފެނިއްޖެނަމަ އޭނާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަށް ނުބަލާށެވެ! އުފާވެރި ދިރިއުޅުމެއް ލިބޭނީ ޙަޤީޤީ ލޯބިވާ ބައިވެރިއެއް ލިބިގެންނެވެ.

 

- ރައީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން