މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ހަތަރު މިލިއަން ހަތަރު ސަތޭކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޞީހް ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4437257.87 ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށެވެ.
މިކަން ކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަދައްކައި އެއްބަސްވެ އަދި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފަޞީހް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވީ މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2217 މައްސަލައެއް ހުށަހެޅި މިހާތަނަށް 2327 މައްސަލަ ނިންމާފައިވާ ކަމަށެވެ.
ބުރިޖު އަދި ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 ކަމަށާއި ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4437257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ނަގާދެވިފައިވާ ކަމަށާ މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 އިންސައްތައިގެ އިތުރުވުމެއްކަން ފަޞީހް ފާހަގަކުރެއްވިއެވެ.
އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ވެސް ފަޞީހް ވިދާޅުވިއެވެ.
ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ޑިއުޓީކުރުމާއި ލައިޓް ގާއިމުކުރެވިފައިވާ 2 ސަރަހައްދުގައި ގިނަ ބަޔަކަށް ފަސޭހަ ކުރުމަށް ލައިޓް މެނޫވަލްކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފުލުހުން ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ފަޞީހް ވިދާޅުވީ ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ 20 ސްކޫލުގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކޮށް މަގަށް އެ ވަގުތަކަށް ގެންނަންޖެހުނު ކޮންމެ ބަދަލެއް ގެނެސް މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން ވައްކަން ކުރުމުގައި ތަކުރާރުކޮށް ކުށްކުރާ 1000 އެއްހާ މީހުން ފާހަގަކުރެވިފައިވާ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މީގެ ތެރޭގައި 128 ފަހަރު ހައްޔަރުކޮށްފައިވާ މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީީހާއި ކްރިމިނަލް ކޯޓާއި އަދި އަޅުގަނޑުމެންނާ ގުޅިގެން މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން ރިޕީޓް އޮފެންޑާސްތަކުގެ ތެރެއިން އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން މީގެ ތެރެއިން މުޖުތަމައުން އެކަހެރިކުރުމަށް ހުކުމް ކުރަންޖެހޭ މީހުންނަށް ވީހާވެސް އަވަހަށް ހުކުމް ކުރުމަށް މަސައްކަތް ފަށައިގެން މިއުޅެނީ. މީގެ ނަތީޖާ ހައެއްކަ މަހުން ފެންނާނެ." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.