ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން "ރިވެލި" އޮޕަރޭޝަން މާދަމާ ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން "ރިވެލި" އޮޕަރޭޝަން މާދަމާ ފަށަނީ

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި އޮޕަރޭޝަނަކީ ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީއާ ދިމާކޮށް މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ.

މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މާދަމާ ރެއިން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.

މި އަހަރުގެ އޮޕަރޭޝަންގެ ދާއިރާ ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް މި އޮޕަރޭޝަންގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުށް މަދުކުރުން ކަމުގައި އެސިސްޓެންޓު ކޮމިޝަނަރ ޝަރީފް ވިދާޅުވިއެވެ. މި ދުވަސްވަރު މާލޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެންދާނެއެވެ.

"ޗުއްޓީ ދުވަސްވަރު ހިންގާ ކުށްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ. އެހެންކަމުން މާލޭގައި ހިނގާ ކުށްތައް މަދުކުރުމަށްޓަކައި އިތުރު ފުލުހުން މާލެތެރޭގައި ހަރަކާތްތެރިވަމުންދާނެ" އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ ދަށުން މާލެ އާއި ހުޅުމާލޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި ފަތުރުވެރިކަން ކުރާ ސަރަހައްދުތަކުގައި ފުލުހުންގެ ފޯރިމަރާ މިންވަރު ވަރުގަދަކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން