އަމާޒަކީ 2028ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަމާޒަކީ 2028ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން: ވަޒީރު

މި ހިނގާ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 8.9 ބިލިޔަން ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. މީގެ އިތުރުން، ކަރަންޓުގެ އަގު ހެޔޮކުރުމަށްޓަކައި ދައުލަތުން ދޭ އިލެކްޓްރިސިޓީ ސަބްސިޑީއަށް އެކަނިވެސް އަހަރަކު 2.3 ބިލިޔަން ރުފިޔާ ހޭދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުން މި ބޮޑު ހޭދަ ކުޑަކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގައި ހުރީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި އަދަދު 110 މެގަވޮޓަށް އިތުރުވެފައިވާ ކަމަށާއި، މިއީ 100 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "މަގޭ ސޯލާ" ޕްރޮޖެކްޓަކީ ވަރަށް މުހިންމު މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން އާންމު ގޭބިސީތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.

"ގޭބިސީތަކުގައި ނެޓް މީޓަރިން އުސޫލުން ސޯލާ ޕީވީ ޤާއިމްކޮށްދިނުމުގެ ޕްރޮގުރާމްގެ ދަށުން ބައިވެރިންނަށް %90 އާ ހަމައަށް ބިލު ކުޑަކުރުމުގެ ފުރުޞަތު ލިބޭ. ކަރަންޓު ބިލުން ސަލާމަތްކުރެވޭ ފައިސާއިން އިންސްޓޯލްމަންޓަށް ނިޒާމުގެ އަގު ދެއްކޭނެ" ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެ، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން