ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ ދަށުން މިއަހަރު ބާއްވާ ފުރަތަމަ ކޯސް ކުރިއަށްދާނީ 24 ޖެނުއަރީ 2026 އިން 05 ފެބްރުއަރީ 2026 ގެ ނިޔަލަށެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަ 15 ބައިވެރިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 11 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ. ފޯމާއެކު އައިޑީކާޑުގެ ކޮޕީ ހުށަހަޅަންޖެހޭއިރު، އީމެއިލް މެދުވެރިކޮށް [email protected] އަށްވެސް ފޯމު ފޮނުވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. 15 ފަރާތަށްވުރެ ގިނައިން ފޯމު ހުށަހަޅައިފިނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. މިނިސްޓްރީން ބުނި ގޮތުގައި، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3322242 ނުވަތަ 9555373 ނަންބަރު ފޯނާ ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކޮށް، މި ދާއިރާއިން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި ހުނަރުތައް އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.