ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މި ސިނާޢަތަށް 6،665 އެނދު ޚިދުމަތަށް ނެރެފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް 2.05 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި ސިނާޢަތުން 4.79 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ސަރުކާރުން ކުރިން ލަފާކޮށްފައިވަނީ މިއަހަރު 2.24 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށް، 5.45 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.
ނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލައި، މިހާރު ލަފާކުރަނީ މިއަހަރުގެ އާމްދަނީ 5.55 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ 16 އިންސައްތައިގެ ކުރިއެރުމެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ކަނޑައެޅިފައިވާ ޓާގެޓަށް ވުރެ މައްޗަށް އާމްދަނީ އަރައިގެން ދިއުމަކީ އިޤްތިޞާދަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
"އަޅުގަނޑުމެންނަށް އެންމެ މުހިންމު ޓާގަޓަކީ ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެން އާމްދަނީ އިތުރުކުރުން ކަނޑައަޅާފައި އޮތް ޓާގެޓް އެއީ 5.45 ބިލިޔަން ޑޮލަރު. އެހެންވީމަ އެ ޓާގެޓަށް ވުރެ މައްޗަށް އަރައިގެންދާނެ،" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކުރާ އެންމެ މުހިންމު މަސައްކަތެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ދާއިރާ އިތުރަށް ފުޅާކޮށް، 2027 ވަނަ އަހަރާ ހަމައަށް ދާއިރު އާމްދަނީ 6 ބިލިޔަން ޑޮލަރަށް ގެންދިއުމެވެ.